ިދިވެހިން އެދެނީ ވައްކަންނުކުރާ ސަރުކާރެއްކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ބ އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި، އެއަތޮޅު ކުޑަރިކިލު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަން އިބޫ ވިދާޅުވެފައިވަނީ މިފަދަ ދަތުރުތަކުގައި ކޮށްދެއްވާނެކަމަށް ވިދާޅުވަމުންދާ ކަންކަމަކީ ދައުލަތަށް ލިބޭ ފައިސާއިން ކޮށްދެވޭނެ ވަރުގެ ކަންކަންކަމަށާއި، ޤައުމުގެ ބޮޑެތި މަޝްރޫޢުތައް ހަމައަގުގައި ހިންގޭނަމަ، ރައްޔިތުން އެދިތިބި ޚިދުމަތްތައް ހުންނާނީ ފުރިހަމަވެފައިކަމަށެވެ.
މިމޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން 54 މިލިޔަން ޑޮލަރަށް އައިޖީއެމްއެޗްގެ ޢިމާރާތް އަޅައިދޭނެ ކަމަށް ބަޔަކު ބުނެފައިއޮއްވާ، 142 މިލިޔަން ޑޮލަރަށް އެކަންކޮށްދޭން ބުނި މީހުންނަށް ސަރުކާރުން ބިޑު ދިނީ ކީއްވެގެންތޯ އިބޫ ސުވާލު އުފެއްދެވިއެވެ.
“އެޢިމާރާތަށް 142 މިލިޔަން ޑޮލަރު ޚަރަދުކޮށްފައި، އޭގެ އިތުރަށް މިއަހަރުގެ ބަޖެޓުގައި އިތުރު 80 މިލިޔަން ޑޮލަރު ފަރުނީޗަރަށާއި، އިކުޕްމަންޓަށް ޖެހީމާ އެސުވާލުކުރާނެ،”ކަމަށް އިބޫ ވިދާޅުވިއެވެ. އަދި “އަޅުގަނޑުމެންގެ ސަރުކާރެއްގައި ހަމަ ގައިމުވެސް އެއަށް [އައިޖީއެމްއެޗް މަޝްރޫޢުގެ އަގު] ވީގޮތް ބަލާ” ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާކުރުވޭނެކަމަށް އިބޫ ވިދާޅުވިއެވެ.
އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އެކުވެ، އެކުލަވާލައިފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ އިތުރަށް ވިދާޅުވެފައިވަނީ ތަރައްޤީއަށާއި، ހަމަޖެހުމަށާއި، އެކުވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީޝަރުޢީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވުންކަމަށެވެ.
އެކަމުގެ އެންމެ ބޮޑު ސަބަބަކީ ސުޕްރީމް ކޯޓުން އެހެނިހެން ކޯޓުތަކަށް ނުފޫޒާއި، ބާރު ފޯރުވުންކަމަށާއި، އެކަން ބަދަލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށާއި، ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭކަން އިބޫ ފާހަގަކުރެއްވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރުގައި ބޭރުތޮށި ހަލާކުވުމުގެ ސަބަބުން ހުޅަނގުގައި ބޭނުންކުރާން ދަތިވެފައިވާ ކުޑަރިކިލުގެ ހަލާކުވަމުންދާ ބަނދަރު މަރާމާތުކޮށް، އަމިއްލަ ފަރާތަކުން އަޅާފައިވާ ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްޤީކުރާނެކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވިއެވެ.