އަޅުގަނޑުމެންގެ ވެރިކަމެއްގައި މީރާއަކީ ވިޔަފާރިވެރިން ބިރުގަންނަ ތަނެއްގެގޮތުގައި ނޯންނާނެކަމުގައި އިބޫ ޞާލިޙް ވިދާޅުވެއްޖެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަކީ ވިޔަފާރިވެރިން ބިރުގަންނަތަނެއްގޮތުގައެއް ނޯންނާނެކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އޮނަރަބަލް އިބްރާހިމް މުޙަންމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

މިހާރު ބ އަތޮޅަށް ކުރައްވަމުންގެންދަވާ 3 ދުވަހުގެ ކެމްޕޭނު ދަތުރުފުޅުގައި އެއަތޮޅު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވެފައިވަނީ ޓެކްސްގެ ނިޒާމު ގަޑުބަޑުކޮށް، އެނިޒާމުގެ ނާޖާއިޒު ފައިދާދަނީ މިހާރު މިއޮތް ވެރިކަމުން ނަގަމުންކަމަށާއި، އެކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައްދަނީ ބަނގުރޫޓުވެ ރޫޅެމުންކަމަށެވެ.

“މީރާއަށް ބޭނުންވާހާ ޤަވާޢިދެއް ހަދައިގެންނެއް، ވިޔަފާރިވެރިން އަތަކުންނެއް މަޖުބޫރުކޮށްގެންނެއް ޖޫރިމަނާތަކެއް ނުކުރެވޭނެ،” އިބޫ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އިބޫ ވިދާޅުވެފައިވަނީ ރައްޔިތުން އަތުން ފައިސާއެއް ނަގާނަމަ އެކަން ކުރަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި، ޤާނޫނުއަސާސީ ދަންނަ އުސޫލަކީ އެއީކަމަށެވެ.

މީގެ އިތުރުން އިބޫ ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ދައުލަތުން ވިޔަފާރީގެ ތެރެއަށް ނުވަންނާނެކަމަށާއި، ސަރުކާރުން މަސައްކަތްކުރާނީ ވިޔަފާރިވެރިންނަށް ވިޔަފާރިކުުރުމުގެ މަގުތައް ފަހިކޮށްދިނުމަށްކަމަށެވެ.

އޭދަފުށީގައި އިބޫވަނީ ބ އަތޮޅުގެ ޖަޒީރާ ރާއްޖެ ކެމްޕޭނު މަރުކަޒު ހުޅުއްވާދެއްވާފައެވެ.