ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ތަސައްވަރަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖެ ހިންގުންކަމުގައި އިބޫ ޞާލިޙް ވިދާޅުވެއްޖެ

ޖަޒީރާ ރާއްޖެ ތަސައްވަރަކީ ދިވެހިރާއްޖެ ލާމަރުކަޒީ ނިޒާމުގެ ދަށުން ހިންގި، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުންކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އޮނަރަބަލް އިބްރާހިމް މުޙަންމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

މިހާރު ބ އަތޮޅަށް ކުރައްވަމުންގެންދަވާ 3 ދުވަހުގެ ކެމްޕޭނު ދަތުރުފުޅުގައި އެއަތޮޅު މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވެފައިވަނީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމަށްޓަކައި، ރަށު ކައިންސިލުތަކަށް ބާރާއި، އިޚްތިޔާރުތައް ލިބިދޭންޖެހޭކަމަށާއި، ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ތަސައްވަރަކީ އެއީކަމަށެވެ.

އެގޮތުން ރަށްރަށާއި، އެކުވެ ހުރި ފަޅުރަށްރަށާއި، ފަޅުތަކުގެ މާލީ ފައިދާ ސީދާ އެރަށްރަށަށް ލިބޭނެގޮތަށް ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކުރުމާއި، ރައްޔިތުން އެދޭގޮތެއްގެ މައްޗަށް އެފައިސާ ޚަރަދުކުރުމުގެ މަސްއޫލިއްޔަތު ކައުންސިލުތަކާ މަތިކުރަންޖެހޭކަމަށް އިބޫ ވިދާޅުވިއެވެ.

ބ މާޅޮސް ކައުންސިލަކީ ރަށު ކައުންސިލުތަކަށް ބާރުވެރިކަން ދިނުމުން ހޯދެން އޮތް ތަރައްޤީގެ ނަމޫނާއެއްކަމަށް ވިދާޅުވެ، އެކައުންސިލުން އިސްވެ މާޅޮހުގެ ކުނިނައްތާލުމާއި، ބޯފެނުގެ ކަންކަމަށް އެދެވޭ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަން އިބޫ ފާހަގަކުރެއްވިއެވެ.

އިބޫގެ ވާހަކަފުޅުގައި ބ މާޅޮހުގެ ބޯފެނާއި، ނަރުދަމާގެ ނިޒާމު ޤާއިމުކޮށް، އަމިއްލަ ފަރާތެއްގެ އެހީގައި 1999 ވަނަ ޤާއިމުކޮށްފައިވާ ބަނދަރަށް ބޭނުންވެފައިވާ މަރާމާތުތަކަށް ހަމަޖައްސަވާނެކަމަށް ވިދާޅުވިއެވެ.