ނިކުމެ ވޯޓު ލައްވާ, ވޯޓާ ކުޅޭކަށް ހަމަ ލާހިކެއް ނޫން – އިބޫ ޞާލިޙް

އިންތިޚާބު އޮންނަ ދުވަހު ރައްޔިތުން ނިކުމެ ވޯޓު ލެއްވުމަށާއި އެ ވޯޓު ބަދަލުކުރުމުގެ އެއްވެސް ފުރުޞަތެއް ނުދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބ.ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ”އަޅުގަނޑުމެން ތިބޭނަން ވޯޓު ފޮށި ކައިރީގައި. އަޅުގަނޑުމެން ތިބޭނަން ވޯޓު ގުނާ ތަނުގައި، އަޅުގަނޑުމެން ތިބޭނަން ނަތީޖާ އިއުލާން ކުރާއިރު. އިރާދަ ކުރެއްވިއްޔާ ތިބޭފުޅުން ލާ ވޯޓުގެ ނަތީޖާ އިއުލާން ކުރެވިގެންދާނެ އެއަކަށް ބަދަލެއް ނާންނާނެ“ އިބޫ ޞާލިޙް ވިދާޅުވިއެވެ.

ވޯޓުކުމަށްފަހު އަދި އެކަން ނުނިމޭނެ ކަމަށާއި، މި ސަރުކާރުގެ އަނިޔާވެރިކަން އެންމެންނަށް އެބަ އިނގޭ ކަމުން، ވޯޓުލާ ނިމުމަށްފަހު ނަތީޖާ ނިކުމެ، ރައީސް ޔާމީން ބަލި ޤަބޫލުކުރައްވަންދެން ތިބެންވާނީ މަގުމަތީގައި ކަމުގައި އިބޫ ޞާލިޙް ވިދާޅުވިއެވެ. އަދި އެންމެ ތަންކޮޅެއްވެސް ފަހަތަށް ޖެހިގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ.

އިންތިޚާބުވުމަށްފަހު އެންމެ ބޮޑު އަމާޒަކީ 18 މަހާއި 20 މަސްދުވަހުގެ ތެރޭގައި އިންތިޤާލީ އަދާލަތު ޤާއިމުކުރުުމުގެ މަސައްކަތް ކަމުގައި އިބޫ ޞާލިޙް ވިދާޅުވިއެވެ. މި ސަރުކާރުގެ ދުވަސްވަރު ހިނގާފައިހުރި ވައްކަމާއި، ކޮރަޕްޝަނާ، އަނިޔާވެރިކަން ބަލައި އެކަން ކުރި ފަރާތްތައް ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ކުރައްވޭނެ ކަމުގައިވެސް އިބޫ ޞާލިޙް ވިދާޅުވިއެވެ.