އަމާނާތްތެރިކަމާ ތެދުވެރިކަމަކީ ދުވަހަކުވެސް ދޫކޮށްނުލައްވާނެ ދެ ސިފަ ކަަމަށާއި ދިވެހިރާއްޖެ އިންސާފުގެ އައްސޭރިއަށް ގެންގޮސްދޭއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ ޞާލިޙް) ވިދާޅުވެއްޖެއެވެ.
އިބޫ ޞާލިޙް މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ބ. ތުޅާދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި އިބޫ ޞާލިޙް ވިދާޅުވީ ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކަންކަން އިތުރަށް ވިދާޅުވާކަށް ނުޖެހޭ ކަމަށާއި ވައްކަމާއި، ފަސާދައާއި، ކޮރަޕްޝަން އާންމުވެ، އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ކަމުގައެވެ. މިކަންކަން ޙައްލުކުރުމަށް ސިޔާސީ ޕާޓީތަކުގެ ލީޑާރުންނާއި މެންބަރުން ޙަވާލުކުރައްވާފައިވާ މަސައްކަތް ފުރިހަމަ ކުރެވޭނެ ކަމުގައި ޔަޤީންކަން އެމަނިކުފާނުގެ އަމިއްލަ ނަފްސަށް އޮތްކަމުގައިވެސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ޞާލިޙް ވިދާޅުވީ 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެންމެ ބޮޑަށް ދެެކެވޭ ވާހަކައަކީ އިންސާފުގެ ވާހަކަ ކަމަށާއި، މިހާރު މި ކުރެވޭ މަސައްކަތަކީ އިންސާފު ހޯދައިދިނުމަށް ކުރެވޭ ކަމެއް ކަމުގައެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އޮޑިޓާ ޖެނެރެލްގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާނެ ކަމަށާއި، އޮޑިޓާ ޖެނެރެލްގެ ރިޕޯޓެއް ތަންފީޒު ކުރުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމުގައެވެ.
ބ. އަތޮޅަކީ ބިމުގެ ދަތިކަން އޮތް ރަށެއްކަމުގައިވާތީވެ އެކަން ޙައްލުކުރުމަށް އެމްޑީޕީ ސަރުކާރުގައި 17 ހެކްޓަރުގެ ބިން ހިއްކާފައިވީނަމަވެސް ހިއްކި ބިމުގެ ފައިދާ ރައްޔިތުންނަށް ލިބިފައިނުވާކަން އިބޫ ޞާލިޙް ފާހަގަ ކުރެއްވިއެވެ. އަދި މިހާރުގެ ސަރުކާރުގެ ތަރައްޤީގެ ވިސްނުމަކީ މާލެ ތޮއްޖެއްސުން ކަމަށްވީނަމަވެސް ދެން އުފެދޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގެ ސިޔާސަތަކީ ރަށްރަށުގައި ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތްތައް ރައްޔިތުންނަށް ހޯދައިދިނުން ކަމުގައެވެ. އަދި ލޭންޑް ޔޫސް ޕްލޭންތައް ހަދައި އެ ޕްލޭންތަކުގައިވާ ގޮތަށް ބިންދޫކުރައްވާނެ ކަމުގައި އިބޫ ޞާލިޙް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިއްމު އެއް މަސައްކަތަކީ ޓުއަރިޒަމް ކަމުގައިވީނަމަވެސް އެކަމުގެ ފައިދާ އެންމެނަށް ނުލިބޭ ކަމަށް އިބޫ ޞާލިޙް ވިދާޅުވިއެވެ. އަދި ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ސިޔާސަތުތައް ކަނޑައަޅުއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. ހަމަމިއާއެކު ރާއްޖޭގެ އެތެރޭގެ ދަތުރު ފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތައް އަންނާން ޖެހޭ ކަމަށާއި އެތެރޭގެ އުދުހުންތައް އަތް ފޯރާ އަގަށް ތިރިކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މިހާރު ކުރެވޭ ޚަރަދުގެ 3 ގުނަ އިތުރުކުރައްވައި ގެސްޓް ހައުސް ވިޔަފާރިއަށް ފައިދާވާނެ ގޮތަށް އިތުރަށް ހޭދަ ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ތުޅާދޫއަކީ މަސްވެރިކަމަށް ޙާއްސަ ރަށެއް ކަމުގައިވީނަމަވެސް އެމްޑީޕީ ސަރުކާރަށްފަހު މަހުގެ އަގު އަނެއްކާވެސް ދަށަށް ގޮސްފައިވާ ކަމަށް އިބޫ ޞާލިޙް ވިދާޅުވިއެވެ. މަސްވެރިކަމުގެ ސިޔާސަތަށް ބަދަލުގެނެސް މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނެ ގޮތަށް ސިޔާސަތު ބަދަލުުކުރައްވާނެ ކަމަށާއި އަދި ބޭރުގެ ބޯޓުތަކަށް ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ލޭނު އަޅައިގެން މަސްވެރިކަން ކުރަން ފުރުޞަތެއް ނުދެއްވާނެ ކަމުގައި ވިދާޅުވިއެވެ.