ގުޅިފައިވާ ޕާޓީތަކުން ހުށަހަޅާ މެނިފެސްޓޯއަކީ މުޅި ރާއްޖެ ޖަޒީރާވަންތަ ޤައުމެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ތަޞައްވުރެއްގައި އެކުލަވާލާފައިވާ މެނިފެސްޓޯއެއް ކަމުގައި ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ ޞާލިޙް) ވިދާޅުވިއެވެ. އިބޫ ޞާލިޙް މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުން މާޅޮސް މަޑުލު ދެކުބުރިއަށް ކުރައްވާ ކެމްޕޭން ދަތުރުފުޅެއްގައި ބ. ގޮއިދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މެނިފެސްޓޯގައި ހިމެނިފައިވާ އެންމެ މުހިއްމު ކަމަކީ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ހިންގުން ކަމުގައި އިބޫ ޞަލިޙް ވިދާޅުވިއެވެ. އޭގެ އިތުރުން މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ގެސްޓްހައުސްގެ ސިޔާސަތު ފުޅާކުރުމަކީވެސް މެނިފެސްޓޯގައި ހިމެނިފައިވާ މުހިއްމު ސިޔާސަތެއްކަަމުގައި ވިދާޅުވަމުން ގޮއިދޫއަކީ ގެސްޓްހައުސްގެ ވިޔަފާރިއަށް ބޮޑު މުސްތަޤްބަލެއް އޮތް ރަށެއް ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ގެސްޓް ހައުސްގެ ސިޔާސަތުގެ ދަށުން ގޮއިދޫއަށް ބޭނުންވާނެ އިތުރުކަންކަން ކޮށްދެއްވާނެ ކަަމަށް އިބޫ ޞާލިޙް ވިދާޅުވިއެވެ.
ބ.އަތޮޅުގެ ގުދުރަތީ ރީތިކަމަށް އަލިއަޅުވާލައްވައި އިބޫ ޞާލިޙް ވިދާޅުވީ ”ޔުނެސްކޯއިން ޚާއްސަ ސަމާލުކަމެއްދީގެން ބަލަހައްޓާ ސަރަޙައްދުތަކެއް މިއަތޮޅުގައި އެބައޮތް. އެއީ ތިމާވެށީގެ ގޮތުން ރައްކާތެރިކޮށްފައިވާ ސަރަޙައްދުތަކެއް. އަޅުގަނޑުމެންގެ ވެރިކަމެއްގައި އެ ސަރަޙައްދުތައް ހިމާޔަތްކޮށް އެ ސަރަޙައްދުތަކުން ލިބޭ އާންމަދަނީ ބޭނުންކޮށްގެން އެތަންތަން ރައްކާތެރިކުރުމުގެ މަސައްކަތް ކުރާނަން“ ކަމުގައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަން ފަށާފައިވާ މަސައްކަތަކީ އުނދަގޫ މަސައްކަތެއްކަމަށާއި، ސަރުކާރާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފިއްތުންތައް ކުރިމަތި ކުރުވާ ކަމުގައި އިބޫ ޞާލިޙް ވިދާޅުވިއެވެ. ގުޅިފައިވާ ޕަޓީތަކުގެ ވެރިކަމެއްގައި ސިޔާސީ ވަކި ނުފޫޒަކަށް ތަބާވާ، ވަކި ޕާޓީއަކަށް ނިސްބަތްވާ ނުވަތަ ވަކި ކުލައެއް ރީތިވާ މީހަކަށް ތަފާތުކުރުމެއް ކުރިމަތިނުވާނެ ކަމަށާއި އެބޭފުޅަކު ޤަބޫލުކުރާ ސިޔާސީ ފިކުރާ އެއްގޮތަށް ނިކުމެވަޑައިގަންނެވުމަށް އިބޫ ޞާލިޙް ގޮވާލެއްވިއެވެ. އަދި އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ދެން އަންނަ ސަރުކާރެއްގައި އެ ފަރާތްތަކަށް ހޯއްދަވައިދެއްވާނެ ކަމުގައި އިބޫ ޞާލިޙް ވިދާޅުވިއެވެ.