ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ބ.އަތޮޅަށް ފުރާވަޑައިގަންނަވައިފި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ ޞާލިޙް) ބ އަތޮޅަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބ.އަތޮޅުގެ އެކިއެކި ރަށްތަކަށް ވަޑައިގެން، ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި، ކެމްޕޭން ޖަގަހަތައް ހުޅުވައިދެއްވުމާއި ރަށްތަކުގައި އިންތިޒާމްކޮށްފައިވާ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބ އަތޮޅު ގޮއިދޫއަށެވެ. މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އިބޫ ޞާލިޙް ތުޅާދޫއަށް ވަޑައިގަންނަވާނެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތުޅާދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކެމްޕޭނު ޖަލްސާގައި އިބޫ ޞާލިޙް ވާހަކަފުޅު ދައްކަވާނެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އިބޫ ޞާލިޙް 29 ޖުލައިވާ އާދިއްތަ ދުވަސްވެސް ހޭދަކުރައްވާނީ ބ.އަތޮޅުގެ އެކި ރަށްރަށުގައި ކެމްޕޭންގެ ޙަރަކާތްތަކުގައެވެ. ބ އަތޮޅު ކެމްޕޭނު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ މިކެމްޕޭނު ދަތުރުފުޅުގައި ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިންނާއި، ޙަރަކާތްތެރިން ބައިވެރިވަޑައިގަންނަވާނެއެވެ.