އޮޅުވާލުމަށް ވިސްނާލައްވާ ވަރުންގޮސް ރައީސްޔާމިނަށްވެސް ހުރިހާކަމެއް އޮޅިގެންދާތަން ފެންނަނީ – ސްޕޯކްސްޕާސަން އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކަންކަން އޮޅުވާލެއްވުމަށް މަސައްކަތް ކުރާ މިންވަރު ބޮޑުކަމުން އެންމެ ފަހުން މިހާރު ފެންނަނީ ރައީސް ޔާމީނަށްވެސް ހުރިހާ ކަމެއް އޮޅިގެންދާތަން ކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެމްޕޭންގެ ސްޕޯކްސްޕާސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސްޕޯކްސްޕާސަން މިހެން ވިދާޅުވީ މިއަދު ހެނދުނު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުން އޮޅިގެން ގަވާއިދެއް ގެޒެޓުކުރި ވާހަކައައް ހަވާލާދެއްވައި، ވިދާޅުވީ މިފަދަ ކަންކަން ކުރިމަތިވަނީ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ޖާގަ ނެތް މިންވަރު ހާމަވާ ކަމެއް ކަމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ މިހާރު ލިބެމުން އަންނަ ރިޕޯޓުތަކުން އެނގެނީ ރާއްޖޭގެ 98% ރައްޔިތުންނަކީ ސިވިލް ސާވިސްއާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ އަޅުވެތިކަމުން ސަލާމަތްވާން ބޭނުްފުޅުވާ މީހުންކަމުގައެވެ. ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ބިރުދެއްކުމާއި، މަޖުބޫރުކުރުމުގެ ސަބަބުން ރައްޔިތުން އެދޭގޮތުގެ މަތިން ސިޔާސީ އަދި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިނުވެވޭކަމާއި، މިގޮތުގައި ދިވެހިން ދެމިތިބެން ބޭނުންނުވާނެ ކަމައް ވިދާޅުވެ، 23 ސެޕޓެމްބަރުގައި ނިކުމެ، އަނިޔާވެރިކަމުން ސަލާމަތްވުމައްޓަކައި ވޯޓުން ޔާމީން ބަލިކުރަން މާރިޔާ އިލްތިމާސްކުރެއްވިއެވެ.

މިއާއެކު މި ސަރުކާރުގެ ދައުރުގައި ވަޅިޖެހުންފަދަ ނުރައްކާތެރި ބޮޑެތި ކުށްތައް އިތުރުވެފައިވާއިރު، އިންތިޙާބާއި ގާތްކޮށް މިފަދަ މާރާމާރީތައް ގިނަވުމާމެދު މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މީގެއިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ މިނިވަންކޮށް ތިބިކަމަށް ދެންނެވި ވާހަކައާގުޅިގެން މާރިޔާ ވިދާޅުވީ މީގެކުރިން ހުންނެވި ޕޮލިސް ކޮމިޝަނަރުންނާމެދު ރައީސް ޔާމީން ކަންކުރައްވާފައިވާގޮތް ހަނދުމަކުރައްވަން މުހިންމުކަމުގައެވެ. ނަވާޒް އެއްފަހަރު، އެއްވެސް ސިޔާސީ ނުފޫޒެއް ފުލުހުންގެ މައްޗައް ނެތްކަމަށް ވިދާޅުވެ، އަނެއް ފަހަރު ފުލުހުންގެ ކަންކަން ސީދާ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ހިނގާކަމަް ވިދާޅުވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ. މިއާއެކު ފުލުހުންނަށް މި އަހަރުގެ ޑިސެންބަރުގައި ނިމޭނެކަމައް ބުނާ 700 ހައުސިން ޔުނިޓު އަނބުރާ ނުނެގޭނެކަމައް ނަވާޒް ވިދާޅުވިއިރު، މިކަމުންވެސް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އެ ހައުސިން ޔުނިޓުތައް އަތުނުލާނެކަން ޚުދު ނަވާޒުވެސް ޤަބޫލުފުޅުކުރުައްވާ ކަމެއްކަން ހާމަވާކަމުގައި މާރިޔާ ވިދާޅުވިއެވެ. އަދި ފުލުހުން އަތުން އެޑްވާންސަށް ލާރިނަގައި، ނިންމާދޭނަމޭ ބުނެ އެވައުދު މިސަރުކާރުން ނުފުއްދިނަމަވެސް ” އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ވައުދެއް ވެއްޖެނަމަ އެވައްދެއް ފުއްދާ ބައެއް” ކަމުގެ ޔަގީންކަން މާރިޔާ ދެއްވިއެވެ.

ހަމައެއާއެކު ސަރުކާރުގެ މުވައްޒަފުންނަށް ބިރުފަހަނައަޅާގޮސް، މިފިކުރާއެކުގޮސް އަނިޔާވެރިކަމާއި، ވައްކަމާއި މަކަރު ނިންމާލަން މާރިޔާވަނީ ގޮވާލައްވާފައެވެ. ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އަދި ޤަބޫލުކޮށްދޭން ބޭނުންވަނީ 23 ސެޕްޓެމްބަރަށްފަހުވެސް ވެރިކަމުގައި މަކަރު ހައްދަވައިެގެންވެސް ހުންނަވާނެ ކަމަށްކަން މާރިޔާ ވިދާޅުވެ، ނަމަވެސް އެފަދައިން އެކަން ނުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.