ސިވިލް ސާވިސް ކޮމިޝަނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން އިސްވެތިބެ ރީރެޖިސްޓްރޭޝަން އޮޅުވާލަން ކުރަމުން އަންނަ މަސައްކަތުގައި ޝަމިލްވާ ހުރިހާ ފަރާތްތައް އެނގިވަޑައިގަންނަވާ ކަމަށާއި އެބޭފުޅުންގެ މައްޗަށް ދައުވާކުރާނެ ކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.
ރީރެޖިސްޓްރޭޝަންގައި އޮޅުވާލުމާ މަކަރު ހެދުމުގައި ޝާމިލްވާ ކުންފުނިތަކާއި ސަރުކާރުގެ ވެރިންނާމެދު ފިޔަވަޅު އެޅޭނެ ކަމަށާއި އަދި އެކަމުގެ ޒިންމާ އެބޭފުޅުން ނަންގަވަންޖެހޭނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ. ވޯޓުލާނީ ކޮންމެ މީހަކުވެސް ބޭނުންވާ ތަނަކަށް ކަމަށާއި، ރީރެޖިސްޓްރީ ކުރުމުގެ ޙައްޤަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ޤާނޫނު އަސާސީން ލިބިދީފައިވާ ޙާއްޤެއް ކަމުގައިވާތީ އެ ޙައްޤު ނިގުޅައިގަތުމަށް ސަރުކާރުގެ އެއްވެސް އޮފިޝަލެއްވެސް އަދި ކުންފުނިތަކުގެ ވެރިންވެސް މަސައްކަތްކޮށްގެން ނުވާނެ ކަމުގައި ޑރ. ހުސައިން ވިދާޅުވިއެވެ. އަދި މުވައްޒަފުން ވޯޓުލާން ޖެހޭނީ ވަކި ތަނަކަށް ކަމަށް ސަރުކާރުގެ ވެރިންނަށް އެމީހުންގެ މުވައްޒަފުންނަށް ނޭންގޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަކީ އިލެކްޝަންސް ކޮމިޝަންގެ އެކަނި ޒިންމާއެއް ނޫން ކަމުގައި ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް އާދަމް ވިދާޅުވިނަމަވެސް ދިވެހި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރުކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި މުޅި ކޮމިޝަންގެ ޤަނޫނީ ޒިންމާއެއް ކަމުގައި ނިޔާޒު ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް 27 ރިސޯޓަކުން އިންކާރުކޮށްފައިވާކަމަށް ޝަރީފް ވިދާޅުވެފައިވާތީ އެކަން ބަލަމުން އަންނަ ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް މިކަމުގައި ސައްޙަނޫން މައުލޫމާތު ފަތުރަމުންދާކަމަށް ނިޔާޒު ވިދާޅުވިއެވެ.
އިންތިޚާބާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމުގައި އަދާލަތު ޕާޓީގެ މީޑިޔާ ކޮމިޓީގެ ޗެއާ އަލީ ނަޒީރު ވިދާޅުވިއެވެ. އެގޮތުން ރިސޯޓު މުވައްޒަފުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވޯޓުލުމުގެ ކަންކަމުގެ މައްސަަލަތަކާއި، ރީރެޖިސްޓްރޭޝަންގައި ހުރި މައްސަލަތަކާއެކު އެތައް ބައެއްގެ ވޯޓު ލުމުގެ ޙާއްޤު ގެއްލުގެންދާނެކަމުގައެވެ. ކަންމިހެން ހުރިނަމަވެސް އިންތިޚާބުގައި މަކަރު ހަދައި އިންތިޚާބު ފޭރިގަތުމަށް އެއްވެސް ފުރުޞަތެއް ދިވެހިރައްޔިތުން ނުދެއްވުމަށް އަލީ ނަޒީރު އެދިވަޑައިގަތެވެ. ރީރަޖިސްޓްރޭޝަންގައި ސަރުކާރުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންގެ ރެޖިސްޓްރޭޝަންގެ މައްސަލަތައް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމުގައި ނަޒީރު ވިދާޅުވިއެވެ.