ރައީސް ޢަބްދުﷲ ޔާމިނު ދިރުއުޅުއްވާ ތަންތަނާއި، އެމަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި ފާސްކޮށް، ޚިޔާނާތުގެ 80 މިލިއަން ޑޮލަރުގެ މައްސަލައިގެ ތަޙްޤީޤު ހިންގުމަށް ގުޅިފައިވާ ސިޔާސީ ޕާރޓީތަކުގެ ފަރާތުން އެމް.ޑީ.ޕީ. އިން ފުލުސް އޮފީހަށް މައްސަލަ ހުށަހަޅައިފި

ރައީސް ޢަބްދުﷲ ޔާމިނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިއަދު ހާމަކުރެއްވި ވާހަކަފުޅުތަކާ ގުޅިގެން، ރައީސް ޢަބްދުﷲ ޔާމިނު ދިރުއުޅުއްވާ ތަންތަނާއި، އެމަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި ފާސްކޮށް، ސީރިއަސް ކަމާއެކު އެ މައްސަލައިގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ވަގުތުން ހިންގެވުމަށް ގުޅިފައިވާ ސިޔާސީ ޕާރޓީތަކުގެ ފަރާތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސަށް މައްސަލަ ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޢަބްދުﷲ ޔާމިނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ހާމަކުރެއްވި ވާހަކައިގެ ތެރޭގައި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) ގެ ޚިޔާނާތުގެ 80 މިލިއަން އެމެރިކާ ޑޮލަރ، ރައީސް ޢަބްދުﷲ ޔާމިނުގެ އަމިއްލަ ގެކޮޅު ކަމުގައިވާ ގ.ދޫވެއްސަށް ވައްދައި އެ ފައިސާ ގުނާފައިވާކަމަށާއި، އަދި ފައިސާ ގުނުމަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއެއް އެގޭގައި ހުންނަ ކަމަށާއި، އަދި އެފައިސާގެ ތެރެއިން 1 މިލއަން އެމެރިކާ ޑޮލަރ ރައީސް ޢަބްދުﷲ ޔާމިނުގެ އަމިއްލަފުޅު އެކައުންޓަށް ވެސް ޖަމާކުރައްވާފައިވާކަމަށް ހާމަކުރައްވާފައިވެއެވެ. އަދި މިވާހަކަތައް ނުދެއްކެވުމަށް ރައީސް ޢަބްދުﷲ ޔާމިނު، އަޙްމަދު އަދީބުގެ އަރިހުން އެދިވަޑައިގެންފައިވާކަމަށް ވެސް މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު އަދީބު ހާމަކުރެއްވިއެވެ.

މިދެންނެވި ވާހަކަތައް ރައީސް ޢަބްދުﷲ ޔާމިނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިއަދު ހާމަކުރައްވާފައިވާތީއާއި، އަދި ރައީސް ޢަބްދުﷲ ޔާމިނުގެ އަމިއްލަފުލު އިޢުތިރާފު ލިބިފައިވާ ކަންކަން ހުރުމާއެކު، އެމް.ޑީ.ޕީ. އިން މިއަދު ފުލުސް އޮފީހަށް ހުށަހެޅި މައްސަލައިގައި އެދިފައިވާގޮތަށް ރައީސް ޢަބްދުﷲ ޔާމިނު ދިރުއުޅުއްވާ ތަންތަނާއި، އެމަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި ފާސްކޮށް، ސީރިއަސް ކަމާއެކު އެ މައްސަލައިގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ވަގުތުން ހިންގެވުމަށް ގުޅިފައިވާ ސިޔާސީ ޕާރޓީތަކުން މޯލްޑިވްސް ޕޮލިސް ސަރވިސަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް
22 ޖުލައި 2018