ރިޔާސީ އިންތިޚާބުގައި މަކަރު ހެދުމަށް ރީރެޖިސްޓްރޭޝަންގެ ކަންކަން އޮޅުވާލުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން – ގުޅިފައިވާ ސިޔާސީ ޕާޓީތައް

ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރެޖިސްޓާ ކުރުމުގައި ސަރުކާރުގެ މުވައްޒަފުންނަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުން ގެންދާތީ އެކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުށްވެރިކޮށްފިައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޓީގެ ޗެއާމަން އަޙްމަދު ނުޢުމާން ވިދާޅުވީ ދައުލަތުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކޮށްގެން ރަސްމީ ގަޑީގައި ރީރެޖިސްޓާ ކުރުމުގެ ކަންކަން ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމުގައެވެ. ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މުވައްޒަފުންނާއި އެ މުވައްޒަފުންގެ ޢާއިލާގެ މެންބަރުންގެ މައުލޫމާތު އެއްކުރުމަށާއި އައިޑީކާޑުގެ ކޮޕީ ޙަވާލުކުރުމަށް އަންގަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމުގައި ނުޢުމާން ވިދާޅުވިއެވެ. އަދި ރީރެޖިސްޓްރޭޝަން ފޯމުތަކުގައި ވޯޓުލާތަން ހާމަނުކޮށް ހަމައެކަނި ސޮއި ކުރުމަށް އަންގަމުން އަންނަ ކަމުގައިވެސް ނުޢުމާން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމަށް ސަރުކާރުން މިފަދަ ކަންކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވޯޓު ލުމަށް ރީރެޖިސްޓާ ކުރާ އިރު އިތުބާރު ކުރެވޭ ފަރާތްތައް މެދުވެރުކޮށް އެކަން ކުރެއްވުމަށް ނުޢުމާން އިލްތިމާސް ކުރެއްވިއެވެ.

ޚާއްސައެހީއަށް ބޭނުންވާ މީހުން ވޯޓުލުމުގައި ހަމައެކަނި އިލެކްޝަންސް އޮފިޝަލުން މެދުވެރިކޮށް ވޯޓުލެވޭނެ ކަމަށް ނިންމި ނިންމުން ކުށްވެރިކޮށް ވޯޓު އޮޅުވާލުމަށް ސަރުކާރުން ކުރަމުން އަންނަ މިފަދަ ހުރިހާ ކަމެއްވެސް ކުށްވެރިކުރާ ކަމުގައި ރައީސް މައުމޫން ފެކްޝަނުގެ މުޙައްމަދު ފައިސަލް ވިދާޅުވިއެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވޯޓަށް އަހާއިރު، އެ ފަރާތްތަކަށް ފަރުވާއަށް ބޭނުންވާ މުހިއްމު ވަޞީލަތްތައް ނެތްކަން ފައިސަލް ފާހަގަ ކުރެއްވިއެވެ. އަދި އެއްވެސް ރޭވުންތެރިކަމެއް، ސިޔާސަތެއް ނެތި އެތައް ގޮތަކުން ސަރުކާރު އިހުމާލުވެފައިވާކަމަށްވެސް ވިދާޅުވިއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެދެނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އެއްވެސް ހުރަހެއްނެތި، މިނިވަންކަމާއެކު ވޯޓު ލުމުގެ ފުރުޞަތު ފަހިކޮށްދޭން ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރަތްތައް މަދުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ވޯޓުލުމުގެ ޙައްޤު ހަނިކުރުމަށް މާލޭގެ ދަފްތަރުގައި ނަން ހިމެނުމަށް އެދޭ ފަރާތްތަކަށް ކުއްލި ގޮތަކަށް ގެނައި ބަދަލާއެކު އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ގެއްލިގެންދާނެ ގޮތަށް ކަންކަން ނިންމުމުން ހާމަވަނީ ކަންކަން ބޮއްސުން ލައިފައިވާ ކަމުގައި ޕާޓީތަކުން ހާމަކުރިއެވެ. ރިޔާސީ އިންތިޚާބުގައި ސަރުކާރުން ބޭނުންވާނެ އެންމެ ބޮޑު އެއް ކަމަކީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތައް ވީހާވެސް މަދުކުރުން ކަމަށާއި އެކަން އެގޮތަށް ކުރުމަށް ޖާގަ ނުދިނުމަށް ގޮވާލިއެވެ.

އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ކުއްލިގޮތަކަށް ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ވޯޓުލުމާ ގުޅޭ ގޮތުން ނިންމި ނިންމުންވެސް އަނބުރާ ގެންގޮސްފައިވާކަމަށާއި، އެންމެ 7 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމި ނިންމުންވެސް ބަދަލުކުރި ކަމުގައި ޕާޓީތަކުގެ އޮފިޝަލުން ފާހަގަ ކުރެއްވިއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ނުޙައްޤުން ޖަލުގައި ބަންދުކުރި ޖުމްހޫރީ ޕާީޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް މިހާރު ދޫކޮށްފައިވާކަމަށާއި އަދި އިރާދަ ކުރެއްވިއްޔާ އިންތިޚާބުގެ ކުރިން ނުޙައްޤުން ޖަލުގައި ބަންދުކޮށްފައިވާ ސިޔާސީ ލީޑަރުންވެސް މިނިވަން ކުރެވޭނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ސަރުކާރުން މަކަރު ހެދުމަށް ރާވަމުންދާ ކަންކަން އެނގިވަޑާއިގަންނަވާކަމަށާއި މަކަރު ހެދުމުގެ ފުރުޞަތު ސިޔާސީ ޕާޓީތަކުން ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ޢަލީ ނިޔާޒު ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ފާޑު ވިދާޅުވަމުން ނިޔާޒު ވިދާޅުވީ ”ޝަރީފަކީ ކޮންބޭފުޅެއްކަން ވަރަށް ސާފުކޮށް އެނގޭ. އެބޭފުޅާގެ ހިތް އޮންނާނެތަން ވަރަށް ސާފުކޮށް އެނގޭ.“ ކަމުގައެވެ. އަދި ކޮމިޝަނުގެ ނިޔަތަކީ ވޯޓުލާ މީހުން މަދުކުރުން ކަމުގައިވެސް ނިޔާޒު ވިދާޅުވިއެވެ. މިނިވަން އިންތިޚާބަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން މިހާރުގެ ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވުމަށާއި ވޯޓު ލުމުގެ ޙައްޤު ރައްޔިތުންނަށް ގެއްލިގެންދާއިރު މިނިވަން މުޢައްސަސާތައް އެކަމާ އަޅާނުލައި ތިބުމަކީ ކަންބޮޑުވެވަޑާއިގަންނަވާ ކަމެއްކަމުގައި ނިޔާޒު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު އަމާޒަކީ ޔާމީންގެ ވެރިކަން ބަދަލުކުރުން ކަމަށާއި ރައޔްިތުންނަށް އިންސާފު ހޯދައިދިނުމަށް ކަމުގައި ޑރ. ހުސައިން ވިދާޅުވިއެވެ. އަދި ސެޕްޓެމްބަރ 23 ގައި ބޮޑު އީދެއް އަންނާނެ ކަމަށާއި މިކަމުގައި ކުރަން ޖެހުން ކޮންމެ ކަމެއްވެސް ކުރުމަށް ސިޔާސީ ޕާޓީތައް އެކުގައި ތިބި ކަމުގައި ވިދާޅުވިއެވެ. ”އަޅުގަނޑުމެން ވަރުބައްޔެއް ނުވާނެ. އަޅުގަނޑުމެން ހުރިހާ ޕާޓީއެއްގެ ހުރިހާ މެންބަރުން މިތިބީ ބޮޑުތަނުން ޔާމީން ބަލިކުރަން“ ޑރ. ހުސައިން ވިދާޅުވިއެވެ.