ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ޕީޕީއެމްގެ ކެމްޕޭން ޙަރަކާތްތަކުގައި ބައިވެރިކުރުވުމާއި މަަސައްކަތް ކުރުވަމުން ގެންދިއުމަކީ ރައްޔިިތުން އަޅުވެތިކުރުވުން ކަމުގައި ޖަޒީރާ ރާއްޖެ ކެމްޕޭންގެ ސްޕޯކްސްޕާސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެެއެވެ.
ކެމްޕޭންގެ ފަރާތުން ބާއްވާ ނޫސްވެރިގެން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޕޯކްސްޕާސަން މާރިޔާ ވިދާޅުވީ “ވަޒީފާގެ ބިރު ދައްކަައިގެން ރައްޔިތުން އަޅުވެތި ކުރުވާތީ” އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމުގައެވެ. މީގެ އިތުރުން މާރިޔާ ވިދާޅުވީ ޕީޕީއެމްއިން ވަކި ފާހަގައެއް ދިނުމުން ވޯޓު ކަރުދާހުގައި އެ ފާހަގަ ޖެހުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރުވަމުން އަންނަ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މިފަދަ އަޅުވެތިކުރުމުގެ މަސައްކަތްތައް ނުކުރެއްވުމަށް މާރިޔާ އިލްތިމާސް ކުރައްވަމުން ވިދާޅުވީ ރައްޔިތުން ތިބީ މިފަދަ މަކަރުތަކުގައި ބައިވެރިވާކަށް ނޫންކަމަށާއި، 23 ސެޕްޓެމްބަރު 2018 ގައި މި އަނިޔާވެރި ސަރުކާރު މިގޮތަށް ނޯންނާނެ ކަމުގައެވެ.
ސަރުކާރުގެ ރިޔާސީ ކެމްޕޭނުގެ ޙަރަކާތްތަކަށް އަލިއަޅުވާލައްވައި މާރިޔާ ވިދާޅުވީ “މިހާރު މިއޮތީ އެނެއްކާ ވައުދުވާ މޫސުން” ފެށިފައިކަމަށާއި 2013 ގެ ކެމްޕޭންގައި ވީ ވައުދުތައް މިހާރު މިވަނީ ހުވަފެނީ ވާހަކަތަކަކަށް ވެފައި ކަމުގައެވެ. ސަރުކާރުގެ މުހިއްމު ވައުދުތައް ކަމުގައިވާ ބެޔަސް ނުބެޔަސް ވައުދާއި އަލަތު ކައިވެންޏާއެކު ފްލެޓެއް ލިބޭނެ ކަމަށް ވައުދުވެފައިވާއިރު އެއިން އެއްވެސް ވައުދެއް ފުއްދިފައިނުވާ ކަމުގައި މާރިޔާ ވިދާޅުވިއެވެ. އަދި މިހާރު އަނެއްކާވެސް ކެމްޕޭނުގައި ސަރުކާރުގެ ފަރާތުން ދައްކަވާ ވާހަކަތަކަކީ އެއްވެސް މިންވަރަކަށް ހިސާބު ޖައްސަވައިގެން ކުރައްވާ ކަންކަން ނޫންކަމަށާއި މިކަންކަމަށް ރައްޔިތުން ސަމާލުވުމަށް ސްޕޯކްސްޕާސަން އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ މީޑިޔާ ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނާތީ އެކަމާ ކަންބޮޑުވުންފާޅުކުރެއްވިއެވެ. އަދި ދައުލަތުގެ މީޑިޔާ މިފަދައިން ބޭނުން ކުރުމަކީ ސީދާ ރައްޔިތުންގެ ފައިސާއިން ކެމްޕޭން ކުރުން ކަމުގައި ކަމަށް ވިދާޅުވެ، އެކަން ކުށްވެރިކުރެއްވިއެވެ.
ރައްޔިތުން ހިއްވަރާއެކު ނިކުމެ، ވޯޓުލައިގެން މި އަނިޔާވެރިކަމާއި އަޅުވެތިކުރުމުން ރައްޔިތުންނަށް ސަލާމަތްވެވޭނެ ކަމުގައިވެސް ސްޕޯކްސްޕާސަން މާރިޔާ ވިދާޅުވިއެވެ.