އެމް.ޑީ.ޕީ ގެ މައި އޮފީހަށް ރޭގެ ދަންވަރުގެ ވަގުތެއްގައި ޙަމަލާދީ އޮފީހުގެ ބޭރު ދޮރުގެ ބިއްލޫރިތައް ތަޅާލާފައިވާތީ، އެ ފިނޑި ޢަމަލު ހަރުއަޑުން ކުށްވެރިކުރުން

ރޭގެ ދަންވަރުގެ ވަގުތެއްގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ މައި އޮފީހަށް ޙަމަލާދީ އޮފީހުގެ ބޭރު ދޮރުގެ ބިއްލޫރިތައް ތަޅާލާފައިވާތީ، އެ ފިނޑި ޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ރޭގައި ދިން އެ ޙަމަލާއަކީ ބަޔަކު ރާވައިގެން ގަސްތުގައި ހިންގާފައިވާ ފިނޑި ޢަމަލެކެވެ. އަދި މިކަމަކީ މި ޕާރޓީން ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތަކާއި ރިޔާސީ ކޭމްޕޭނުގެ ޙަރަކާތްތައް ފެނި، ސަރުކާރުން އެކަމާ ޖެހިލުންވުމުގެ ސަބަބުން އެކަންކަމަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ޢަމަލެއްކަމުގައި ދެކެމެވެ.

އެމް.ޑީ.ޕީ. ގެ މައި އޮފީހަކީ މާލޭގެ ހާމަކަން ބޮޑު މަގެއްކަމުގައިވާ ސޯސަން މަގުގައި ހުންނަ އޮފީހެއްކަމުގައި ވީނަމަވެސް، މީގެ ކުރިން ވެސް ތަކުރާރުކޮށް އެތަކެއް ފަހަރު މި އޮފީހަށް ޙަމަލާދީ ބޮޑެތި ގެއްލުންތައް ދީފައިވެއެވެ. އަދި އެ މައްސަލަތައް ތަޙްޤީޤުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސަށް ހުށަހަޅާފައިވީ ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، އެކަމުގައި ޝާމިލުވާ އެއްވެސް ފަރާތެއް މިހާތަނަށް ހޯދިފައިނުވެއެވެ. އަދި އެ މައްސަލަތައް ނުބެލިވަނީ ފުލުހުންގެ ޤާބިލުކަން ނެތުމުގެ ސަބަބުން ނޫންކަމާއި، އެއާޚިލާފަށް އެކަމަކީ ސަރުކާރުގެ ސިޔާސީ ނުފޫޒު ފުލުހުންގެ މައްޗަށް ފޯރުވުމުގެ ސަބަބުން ނުބެލިވާ މައްސަލަތައް ކަމުގައި ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އެމް.ޑީ.ޕީ. ގެ މައި އޮފީހަށް ރޭގައި ހަމަލާދިން މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ގޮވާލާހިނދު، ރިޔާސީ ކޭމްޕޭނަށް ހުރަސްއެޅިގެންދާ މިފަދަ ކަންކަން ވިޔަނުދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ.

18 ޖުލައި 2018
ބަޔާންނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް