ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއިންވެސް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގމޭޓަށާއި، އެބޭފުޅުންނާއިއެކު ވަޑައިގެންނެވި ގުޅިފައިވާ ޕާޓީތަކުގެ ވަފުދަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.
ޖަޒީރާ ރާއްޖެ ކެމްޕޭންގެ ދަށުން ހުކުރު ދުވަހު އައްޑޫ ސިޓީއަށް ފެއްޓެވި މި ދަތުރުފުޅުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގމޭޓްގެ އިތުރުން އެމްޑީޕީއާއި އަދި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ރަށްތަކާއި ފުވައްމުލަކުގައި ދޮރުން ދޮރަށް ހިންގަވައި، ރައްޔިތުންގެ ހާލު ބައްލަވައި، ރައްޔިތުންގެ ޝަކުވާތައް ކެންޑިޑޭޓާއި ރަނިންގމޭޓް ވަނީ އައްސަވާފައެވެ.
ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި ރަށްރަށުގައި ތިއްބަވާ އުމުރުން ދުވަސްވީ ފަރާތްތަކާއި، ޒުވާނުންނާއިވެސް ބައްދަލުކުރައްވައި، އެފަރާތްތަކުން އެދޭ ކަންކަމުގެ ވާހަކަ އަޑު އެއްސެވިއެވެ.
މީގެ އިތުރުން ފުވައްމުލަކަށް ވަޑައިގެން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގމޭޓް ވަނީ އެރަށުގެ އިރުމަތީ ފަރާތު ގިރާ ސަރަހައްދު ބައްލަވާލައްވާފައެވެ. ރަށް ގިރުމުގެ މައްސަލައަކީ ފުވައްމުލަކު ރައްޔިތުން އެންމެ ކަންބޮޑުވާ އެއް މައްސަލައިގެ ގޮތުގައި އެރަށުގެ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެރަށުގައި ތިއްބަވާ އަދާލަތު ޕާޓީގެ މެމްބަރުންނާއިވެސް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގމޭޓް ވަނީ ބައްދަލުކުރައްވާފައެވެ.
އައްޑޫ ސިޓީގެ ރަށްތަކުގައި ދޮރުން ދޮރަށް ހިންގެވުމުގައި އައްޑޫ ސިޓީ ހުޅުދޫއަށް ވަޑައިގެން އުއްތަމަފަނޑިޔާރު އަބްދުﷲ ސަޢީދުގެ އާއިލާއާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގމޭޓް ވަނީ ބައްދަލުކުރައްވާފައެވެ.
ދެ ސިޓީގައިވެސް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގމޭޓް ވަނީ ކެމްޕޭން ޓީމްތަކާއި ބައްދަލުކުރައްވައި ކެމްޕޭން ކުރިއަށްގެންދާ ގޮތާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.