މިއަދު ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަނީ އެކެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ލައިގެން: އިބޫ ޞޯލިހް

ދިވެހިރާއްޖޭގައި މިއަދު ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަނީ އެކެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ލައްވައިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ރިޔާސީ އިންތިހާބަށް މަސައްކަތް ކުރުމަށް ހުވަދުއަތޮޅު ރައްޔިތުން މާލޭގައި ހުޅުވި ” އަޓިގެ” ޖަގަހަ ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

އިބޫ ވިދާޅުވީ 2008 ގައި ދިވެހިންނަށް ލިބުނީ ބާރުތައް ވަކިކުރެވިފައި އޮތް އަދި މިނިވަންކަން ކަށަވަރުކޮށްދީފައި އޮތް ގާނޫނު އަސާސީއެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު އެ ގާނޫނު އަސާސީގެ ބޭނުން ކެނޑިފައި އޮތް މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން އަލުން އެ ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައި އޮތް މިނިވަންކަމާ، އެ ގާނޫނު އަސާސީގައި ބާރުތައް ވަކިކުރެވިފައި އޮތް މަގަށް ކަންކަން ގެންދިޔުމަށް މަސައްކަތް ކުރަން ޖެހިފައި އޮތް ކަމަށް ވިދާޅުވިއެވެ.