ސަރުކާރުގެ ނުފޫޒުތަކުން ނެއްޓި، މިނިވަން އިންސާފުވެރި، އަދި ދެފުށްފެންނަ އިންތިޚާބެއް ބޭއްވުމުގެ ނިޔަތާއި، ޤާބިލުކަން އަދު މިއޮތް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަކަށް މިޕާޓީއިން ނުދެކޭ ހިނދު، ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް މިޕާޓީއިން ގޮވައިލަމެވެ.

ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ލިސްޓާ ގުޅޭގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ހުށަހެޅި ކަންބޮޑުވުންތަކަށް އަދިވެސް ޙައްލު ލިބިފައިނުވާކަން ފާހަގަކޮށް، ކަންބޮޑުވުން ފައުޅުކުރަމެވެ.

އިންތިޚާބުގެ މިނިވަން އިންސާފުވެރިކަމާއި، ދެފުށްފެންނަކަން ކަށަވަރުކުރުމަށްޓަކައި ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުގެ ސައްޙަކަން ކަށަވަރުކުރާންޖެހެއެވެ. އެކަމަށްޓަކައި އައިޑީ ކާޑު ނަންބަރާއި، ނަމާއި، އެޑްރެސް ބަލާ، އަޅާކިޔާ، ޔަޤީންކުރާންޖެހެއެވެ. އެހެންނަމަވެސް ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ ޢާންމުކޮށްފައިވާ ލިސްޓުގައި އައިޑީކާޑު ހިމަނާފައެއް ނުވެއެވެ. މިމަސްއަލަވާނީ އެމްޑީޕީގެ ފަރާތުން ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

ހައުސިންގ މިނިސްޓްރީއިންވަނީ ދަފުތަރުގައި ނަން ޖެއްސުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެކަމުގެ ސަބަބުން ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ އިލެކްޝަންސްއިން ޢާންމުކޮށްފައިވާ ލިސްޓަށް ބަދަލު އަންނާނެކަމަށްޓަކައި، 1 ޖުލައި 2018 ގެ ފަހުން ރަށްވެހިކަން ބަދަލުނުކުރުމަށް އެކޮމިޝަނުންވަނީ އެދިފައެވެ. މިއާ ޚިލާފަށް، ދަފުތަރަށް އުނިއިތުރު ގެނައިނަމަވެސް، ވޯޓު ޙައްޤުވާ މީހުންގެ ލިސްޓަށް ބަދަލު ނާންނާނެކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފައިވެއެވެ.

އެހެންކަމުން ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި، ވޯޓު ޙައްޤުވާ މީހުންގެ ލިސްޓަށް އޮޅުންބޮޅުން އެރިޔަ ނުދިނުމަށް، ދަފުތަރަށް އުނިއިތުރު ނުގެނައުމަށް އެމްޑީޕީއިންވާނީ ގޮވައިލާފައެވެ. އެކަމަށްވެސް އީޖާބީ ބަހެއް ލިބިފައެއް ނުވެއެވެ.

ކަންމިހެން ހުރުމާއެކު، ސަރުކާރުގެ ނުފޫޒުތަކުން ނެއްޓި، މިނިވަން އިންސާފުވެރި، އަދި ދެފުށްފެންނަ އިންތިޚާބެއް ބޭއްވުމުގެ ނިޔަތާއި، ޤާބިލުކަން އަދު މިއޮތް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަކަށް މިޕާޓީއިން ނުދެކޭ ހިނދު، ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް މިޕާޓީއިން ގޮވައިލަމެވެ.