ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ (ށ)ގެ ދަށުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއްގެ ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ރައްޔިތުންގެ މަޖިލިސްގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް މިޕާޓީގެ އާދަޔާޚިލާފު ކޮންގްރެސްގައި ހުށަހެޅުއްވި ޤަރާރު:

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ވާދަކުރައްވާނޭ ރިޔާސީ ކެންޑިޑޭޓަކީ އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ގެ މަޤާމު މިވަގުތު ފުރުއްވަމުން ގެންދަވާ އިބްރާޙިމް މުހައްމަދު ޞާލިޙު ކަމަށް މިކޮންގްރެސްއިން ނިންމުމަށާއި،

މި ނިންމުން ކޮންގްރެސްއިން ނިންމަން ޖެހުނީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓެއް ނެތިދާނެކަމުގެ ކަންބޮޑުވުމަށް އިޖާބަދެއްވުމުގެ ގޮތުންކަމަށް ވިދާޅުވެ، މިޕާޓީގެ ރިޔާސީ ޕްރައިމެރީގައި 43,922 ވޯޓުން ހޮވާފައިވާ ކެންޑިޑޭޓް، ރައީސް މުހައްމަދު ނަޝީދު، ކެންޑިޑެސީ ދޫކޮށްލެއްވުމަށް ނިންމަވާފައިވުމުންނާއި،

ނަމަވެސް އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމެރީގައި ވާދަކުރައްވައި، މިޕާރޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އާންމު މެމްބަރުންގެ 43,922 ވޯޓުން ހޮވާފައިވާ ކެންޑިޑޭޓަކީ ރައީސް މުޙައްމަދު ނަޝީދުކަމަށްވުމާއި، ރައީސް މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުރަސް އަޅާފައިވަނީ ޤާނޫނީ އެއްވެސް ހަމައަކުން ނޫންކަމަށްވެފައި، އަދި އެހުރަސްތައް އަޅާފައިވަނީ ހަމައެކަނި ސަރުކާރުގެ ސިޔާސީ ބޭނުމަށް ކަމަށްވުމާއި، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ދައުވާއާއި ޙުކުމަކީ މި ޕާޓީން ބަލައިގަންނަ ދަޢުވާއަކާއި ހުކުމަކަށްނުވާތީ އާއި، އެދަޢުވާއާއި ޙުކުމަކީ އިންސާފުން އެއްކިބާވެފައިވާ ދަޢުވާއާއި ޙުކުމެއް ކަމަށް އ.ދގެ ވާރކިން ގްރޫޕް އޮން އާރބިޓްރެރީ ޑިޓެންޝަނުން އާއި އ.ދ ގެ ހިޔުމަން ރައިޓްސް ކޮމިޓީންއާއި ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ޖަމިއްޔާ ޖަމާޢަތްތަކުން ކަނޑައަޅައި، އަދި ރައީސް މުޙައްމަދު ނަޝީދު ވަގުތުން މިނިވަންކުރުމަށާއި އަދި ރައީސް މުޙައްމަދު ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެން ޖެހޭނެކަމަށް ގޮވާލާފައިވުމާއި، އަދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން 1 ފެބުރުއަރީ 2018 ގައި ނެރުއްވި ޢަމުރުގައިވެސް ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ޢަމުރުކުރައްވާފައި ވުމާއި، މިޕާޓީގެ މެމްބަރުން ވެސް އެދި ގޮވަމުންދާ ގޮވުމަކީ އެއީ ކަމަށްވީހިނދު، މިޕާރޓީ އަބަދުވެސް ޤަބޫލުކޮށްގެން އޮތް ގޮތަކީ ރައީސް މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޙައްޤު އޮންނަންޖެހޭނެކަމަށްވާތީ، މިއެންމެހައި ކަންކަމަށް މި ޕާރޓީގެ ކޮންގްރެސް އިން އިޙްތިރާމްކުރަންޖެހޭނެކަމަށް ވީހިނދު،

އިލެކްޝަންސް ކޮމިޝަނުން މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމަށް ހުޅުވާލާ ހަމައިންވެސް ރައީސް މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ، މިޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި، ވާދަކުރައްވާނެ ކެންޑިޑޭޓަކީ މިޕާޓީގެ ރިޔާސީ ޕްރައިމެރީގައި 43,922 ވޯޓުން ހޮވާފައިވާ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދުކަމަށް.

ޤަރާރު ހުށައެޅީ: މުހައްމަދު އަސްލަމް – ރައްޔިތުންގެ މަޖިލިސްގެ މެމްބަރ/ ހިތަދޫ އުތުރު ދާއިރާ
ތާއީދުކުރީ: ހަސަން ޝިޔާން – ތޮއްޑޫ ދާއިރާ ރައީސް

30 ޖޫން 2018