އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައެޅުމާ ގުޅިގެން، މި ޕާރޓީން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައެޅުމާ ގުޅިގެން، މި ޕާރޓީން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ އިއްޔެ އއ.އުކުޅަހުގައި ބޭއްވި މިޕާރޓީގެ 3 ވަނަ ކޮންގްރެސް (އާދަޔާ ޚިލާފު) ގައި، 791 މެމްބަރުންގެ ވޯޓުގެ ޢިއްތިފާޤުންނެވެ.

މި ޕާރޓީގެ ޕާރލަމެންޓަރީ ގްރޫޕްގެ ލީޑަރުކަމާއި ޖޮއިންޓް ޕާރލަމެންޓަރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ އިބްރާހިމް މުޙައްމަދު ޞާލިހާއެކު މިޕާޓީގެ އެންމެހައި މެމްބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާރޓީތަކުން އެކުގައި މަސައްކަތްކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި މި ޕާރޓީ ކާމިޔާބު ހޯދައި، މިހާރު މިއޮތް ސަރުކާރު ބަލިކުރެވޭނޭ ކަމާމެދު ޝައްކެއް ނެތެވެ.

އިބްރާހިމް މުޙައްމަދު ޞާލިޙުގެ ނަންފުޅު ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައެޅުމަށް ގޮންގްރެސް އަށް ޤަރާރު ހުށަހެޅިފައިވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއް ނެތިދާނޭކަމުގެ ކަންބޮޑުވުމަށް އިޖާބަދެއްވުމުގެ ގޮތުންކަމަށް ވިދާޅުވެ، މި ޕާރޓީގެ ރިޔާސީ ޕްރައިމެރީގައި 43,922 ވޯޓުން ހޮވާފައިވާ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދު، ކެންޑިޑެސީ ދޫކޮށްލެއްވުމަށް ނިންމެވުމާގުޅިގެންނެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމަށް ހުޅުވާލާ ހަމައިން ވެސް ރައީސް މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ، މި ޕާރޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ މި ޕާރޓީގެ ރިޔާސީ ޕްރައިމެރީން ހޮވިވަޑައިގެން ހުންނެވި ރައީސް މުޙައްމަދު ނަޝީދުކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚޫ: 1 ޖުލައި 2018