ފާރިސް މައުމޫން 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ޙުކުމް އިއްވާފައިވާތީ އެމް.ޑީ.ޕީ އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރުން

ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރ އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ފާރިސް މައުމޫންގެ މައްޗަށް ޕްރޮސިކިޔުޓަރ ޖެނެރަލް ދަޢުވާކުރި މިމައްސަލައަކީ ޕީ.ޕީ.އެމް. ގެ ދިދަ އާއި ލޯގޯ ބޭނުންކުރައްވައިގެން އޭނާ ޕްރެސް ކޮންފަރެންސެއް ދެއްވިކަމަށް ބުނާ މައްސަލައެވެ. އަދި މި ޙުކުމް އިއްވާފައި މިވަނީ ފާރިސް މައުމޫން އެއްވެސް ޙުކުމެއް ނެތި ޖަލުގައި ހައްޔަރުކޮށްފައިވާތާ 10 މަސް ދުވަހުސް ފަހުންނެވެ.

ޕީ.ޕީ.އެމް.ގެ ރައީސްގެ ގޮތުގައި ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އިންތިޚާބުކޮށްފައި ވަނިކޮށް، އެ ޕާރޓީގެ އަސާސީ ޤަވާޢިދާ ކަނޑައެޅިގެން ޚިލާފަށް އެ ޕާރޓީގެ މުޝްތަޝާރު ޢަބްދުﷲ ޔާމިން ވަނީ އެ ޕާރޓީއަށް ވެރިވެގަނެފައެވެ. އަދި އެއަށް ފަހު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް އެ ޕާރޓީގެ ދިދައާއި ލޯގޯ ޕްރެސް ކޮންފަރެންސެއްގައި ބޭނުންކުރެއްވި ކަމަށް ބުނެ ނާއިންސާފުން ދައުވާކޮށްފައިވަނީ ސީދާ ޢަބްދުﷲ ޔާމިނު ތަޙްޤީޤީ އިދާރާތަކަށާއި ޕްރޮސިކިޔުޓަރ ޖެނެރަލަށް ނުފޫޒު ފޯރުވައިގެންކަމަށް ދެކެމެވެ.

ދައުވާ ކުރެވެން ނެތް ކަންކަމުގައި އަމިއްލައަށް މައްސަލަ އުފައްދައިގެން، ހަމައާއި އިންސާފުން އެއްކިބާވެގެން ތިބެ، ފާރިސް މައުމޫނުގެ މައްޗަށް ޢަބްދުﷲ ޔާމިންގެ ސަރުކާރުން އަނިޔާވެރިވަމުން އެގެންދަނީ ފާރިސް މައުމޫނު މި ސަރުކާރަށް ތާޢީދު ނުކުރެއްވުމުގެ ސަބަބުން ނޫން އިތުރު ސަބަބެއް އޮވެގެން ނޫނެވެ.

ޢަބްދުﷲ ޔާމިނުގެ ސަރުކާރުން ފާރިސް މައުމޫނާއި އެނޫން ވެސް ސިޔާސީ ބޭފުޅުންގެ މައްޗަށް ރާއްޖޭގެ ޤާނޫނު އަސާސީއާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޖަލަށްލައި، ޙުކުމް އިއްވަމުންދާ މައްސަލާގައި މުޅި ދުނިޔެއިން ގެންދަނީ އެކަން ކުށްވެރިކޮށް، އެ ބޭފުޅުން ވަގުތުން މިނިވަންކުރުމަށް ގޮވާލަމުންނެވެ. މިފަދަ ދަޢުވާތަކާއި ޙުކުމްތަކުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައާއި ދުނިޔޭގެ ކުރިމަތީގައި މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމާއި ކޯޓުތަކުގެ އިތުބާރު އިތުރަށް ގެއްލިގެންދާނެއެވެ.

ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރ އަޙްމަދު ފާރިސް މައުމޫން ޙައްޔަރުކޮށްގެން އޭނާއަށް އަނިޔާވެރިވަމުންދާދިއުން ވަގުތުން ހުއްޓާލައި، އޭނާ މިނިވަންކުރުމަށް މި ޕާރޓީން ތަކުރާރުކޮށް ގޮވާލަމެވެ. އަދި ނާއިންސާފާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފާރިސް މައުމޫނު ދައްކަވަމުން ގެންދަވާ ހިތްވަރާއި ޢަޒުމަށް ސާބަސް ރައްދުކުރަމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް
ތާރީޚް: 28 ޖޫން 2018