އެމް.ޑީ.ޕީ ގެ 13 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރެވެމުންދާ ހިނދު، އެ ފަޚުރުވެރި މުނާސަބަތުގައި މި ޕާރޓީގެ އެންމެހައި މެމްބަރުންނަށާއި މި ޕާރޓީއަށް ތާޢީދުކުރާ އެންމެހައި ފަރާތްތަކަށް ވަރަށް ހޫނު މަރުޙަބާއަކާއި ތަހުނިޔާއެއް ކިޔަމެވެ.

ގިނަ ޕާރޓީ އެކުލެވޭ ޑިމޮކްރެސީ ގެ ޙަޔާން ދިވެހިރާއްޖޭގައި ފެށުމުގެ އަސްލެއްކަމަށް ވެފައިވަނީ އެމް.ޑީ.ޕީގެ ފިކުރު އުފަންވުމެވެ. މިގޮތުން މި ޕާރޓީ ރަސްމީކޮށް ސިޔާސީ ޕާރޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވަނީ 26 ޖޫން 2005 ގައެވެ.

މި ޕާރޓީ އުފަންވުމާއެކު މި ޕާރޓީ ވެފައިވަނީ ރާއްޖޭގެ ގިނަ ރައްޔިތުންގެ އުންމީދުކަމުގައެވެ. ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަމާއި، ހަމަހަމަ ކަމާއި، ކުރިއެރުމާ ގުޅިފައިވާ އެންމެ މުހިއްމު މުވައްސަސާކަމުގައެވެ. ރާއްޖޭގެ ރައްޔިތުންގެ ފަރުދީ، ސިޔާސީ، މަދަނީ އަދި އިޤްތިޞާދީ މިނިވަންކަމުގެ ޙައްޤުގައި ވަކާލާތުކުރާ އެންމެ ވަރުގަދަ އަޑު ކަމުގައި މި ޕާރޓީ ވެފައިވެއެވެ. އަދި އެ ޙައްޤުތައް ދިފާއުކުރުމަށް މަސައްކަތްކުރާ އެންމެ ވަރުގަދަ ތަނބުކަމުގައި ވެއެވެ. އޭގެ ސަބަބުން މިއަދާ ހަމައަށް ވެސް ރާއްޖޭގެ އެންމެ ތާއީދު ބޮޑު، އަދި މެމްބަރުން އެންމެ ގިނަ ޕާރޓީކަމުގައި މި ޕާރޓީ ވެފައިވެއެވެ. ހަމަ އެހެންމެ، އެމް.ޑީ.ޕީ އަކީ ރައްޔިތުން ބާރުވެރިކުރެވޭނޭ ގޮތަށް، އިންތިޚާބުކުރެވޭ ތަފާތު ގިނަ ގުނަންތަކުގެ މައްޗަށް އެކުލެވިގެން، މުޅި ރާއްޖެއަށް ފެތުރި، ފުޅާވެފައިވާ އެންމެ އިންތިޒާމުވެގެން ހިންގޭ ޑިމޮކްރެސީގެ ހަރަކާތެވެ.

ގިނަ ޕާރޓީ އެކުލެވޭ އެންމެ ފުރަތަމަ ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބު އެމް.ޑީ.ޕީ. އިން ކާމިޔާބުކޮށް، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމާ ހަމައަށް، އެ ކުރުމު މުއްދަތުގެ ތެރޭގައި ހިލޭ ބޭސްފަރުވާ ކުރެވޭނޭ އާސަންދައިގެ ނިޒާމު ޤާއިމުކުރުމާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމުކުރުމުގެ އިތުރަށް، ދަތުރު ފަތުރުގެ ނިޒާމަކުން ދިވެހިރާއްޖެވަނީ ގުޅުވާލާފައެވެ. ތަޢުލީމީ ނިޒާމަށް ހެޔޮ ބަދަލު ގެނެސް، 5 މާއްދާއިން ފާސްވާ ކުދިން އެތަށް ގުނައަކުން އިތުރުކުރެވި، އެއްދަންފަޅިއަށް ކިޔަވައިދިނުން ފެށިފައިވެއެވެ. ޓެކްސްގެ ނިޒާމެއްގެ ވާސިތާއިން ދައުލަތުގެ އާމްދަނީ އިތުރުކޮށް، އިމްޕޯޓް ޑިއުޓީ ވަނީ އުވާލާފައެވެ. ދިގު މުއްދަތަކުން ދައްކާ ޚަލާޞްކޮށް، މިލްކުކުރެވޭނޭ ގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ބާރުމިނުގައި ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ރަށުގައި ތިބެގެން ރައްޔިތުންގެ ޖީބަށް ޑޮލަރުގެ މުއްސަދިކަން ވަންނާނޭ ގޮތަށް ގެސްޓް ހައުސްގެ ސިޔާސަތު ތަޢާރަފުކޮށް، އެ ސިޔާސަތުގެ ކާމިޔާބުކަން ވަނީ ދައްކުވައިދީފައެވެ.

އެމް.ޑީ.ޕީ އަށް 13 އަހަރު ފުރޭއިރު، މި މަހުގައި މި ޕާރޓީގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު ގުނަން ކަމުގައިވާ ކޮންގްރެސް ބޭއްވިގެންދާނެއެވެ. އަދި މި އަހަރަކީ ރިޔާސީ އިންތިޚާބުގެ އަހަރު ކަމަށް ވުމާއެކު، ރިޔާސީ އިންތިޚާބު މި ޕާރޓީން ކާމިޔާބުކޮށް، މިހާރު މިއޮތް ޚުދުމުހުތާރު އަނިޔާވެރި ވެރިކަން ބަދަލުކޮށް، ދިވެހިރާއްޖެ އަލުން އަނބުރާ ޑިމޮކްރެސީގެ މަގަށް ރުޖޫޢަކޮށް، ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކޮށްދޭ ހެޔޮވެރިކަމެއް ޤާއިމުކޮށްދިނުމީ މިޕާރޓީގެ އެންމެ ބޮޑު އަމާޒެވެ.

މި ދަނޑިވަޅުގައި، މި ޕާރޓީގެ ރައީސް މުޙައްމަދު ނަޝީދާއި، އަދި ޕާރޓީގެ ލީޑަރޝިޕުން ފެށިގެން، މި ޕާރޓީގެ އާންމެ މެމްބަރުންނާއި ސަޕޯޓަރުންނާއި ހެޔޮ އެދޭ ފަރާތްތަކަށް މިހާރު މިއޮތް ޚުދުމުހުތާރު ސަރުކާރުން ނާއިންސާފުވެ، އަނިޔާވެރިވަމުންދާ ދިއުން ހަރުއަޑުން ކުށްވެރިކުރުން ތަކުރާރުކުރަމެވެ. އަދި މިތާރީޚީ މުނާސަބަތުގައި، ފަސޭހައިގައްޔާއި، އުނދަގުލުގައި، އަދި މިނވަންވެ ތިބެގެންނާއި، ހައްޔަރުގައި ތިބެގެންމެ، ދިވެހި ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި އެމް.ޑީ.ޕީ އާއެކު ހިތްވަރާއެކު މަސައްކަތްކުރަމުންދާ އެންމެހައި ފަރާތްތަކަށް ނުހަނު ޝުކުރާއި މުބާރިކްބާދީ ރައްދުކުރަމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް
ތާރީޚް: 26 ޖޫން 2018