ނުޙައްޤުން ސަސްޕެންޑުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ އަނބުރާ ރައްދުކުރުމާއެކު، އެލްޖީއޭ އިން ޤާނޫނާ ޚިލާފަށް ހިންގާފައިވާ ޖަރީމާތައް ތަޙްޤީޤުކޮށް އެ ފަރާތްތަކާ މެދު ވަކިވަކިން ފިޔަވަޅުއެޅޭނޭކަމުގެ ޔަޤީންކަން ދިނުން

ޢަބްދުﷲ ޔާމިނުގެ ސަރުކާރުގެ ސިޔާސީ ބޭނުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން، ރައްޔިތުން ވޯޓުލައިގެން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް، އެއްވެސް ހަމައެއް ލަމައެއް ނެތި ފިޔަވަޅުއަޅައި ސަސްޕެންޑްކުރަމުން ގެންދާ ސިލްސިލާގެ ދަށުން އެއްފަހަރާ 26 ކައުންސިލަރަކު ސަސްޕެންޑްކުރި މައްސަލަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މި ގެންދަނީ ވަރަށް ގާތުން ބަލަމުންނެވެ.

އެލްޖީއޭ އިން އެންމެފަހުން ނުޙައްޤުން ސަސްޕެންޑްކުރި 26 ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ އެމް.ޑީ.ޕީ ގެ ރިޔާސީ ޕްރައިމެރީގެ ހަރަކާތްތަކުގައި ބައިވެރިކަމަށް ބުނެ، މި ފަދަ ޣައިރު ޤާނޫނީ ހުއްޖަތު ދައްކައިގެންނެވެ. އަދި މި ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ އެ ކައުންސިލަރުންނަށް ޙައްޤުވާ މުސާރަ ވެސް ނުލިބޭގޮތަށް 3 މަސް ދުވަހަށެވެ. މިއީ ސަރުކާރުގެ އަނިޔާވެރިކަމާއި ނާއިންސާފު ހައްދުން ނައްޓައިގެން ގޮސްފައިވާކަން ހާމަވެގެންދާ ކަމެކެވެ.

އެލްޖީއޭ އިން މި 26 ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ މި މަހުގެ ފަހުކޮޅު އއ.އުކުޅަސްގައި އެމް.ޑީ.ޕީގެ ކޮންގްރެސް ބޭއްވުމުގެ މުހިއްމު މަސައްކަތާ ދިމާކޮށް، އެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުންނެވެ. ސަސްޕެންޑްކޮށްފައިވާ ކައުންސިލަރުންގެ ތެރޭގައި އއ.އުކުޅަހު ކައުންސިލްގެ ރައީސް ވެސް ހިމެނެއެވެ.

ސަރުކާރުގެ ސިޔާސީ މަޤުސަދު ޙާޞިލުކުރުމަށްޓަކައި ޤާނޫނާ ޚިލާފަށް މިގޮތަށް ނުޙައްޤުން ސަސްޕެންޑްކޮށް މުސާރަ ނުލިބޭގޮތަށް ފިޔަވަޅުއަޅާފައިވާ އެންމެހައި ކައުސިލަރުންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ވެރިކަމެއްގައި ޙައްޤު ބަދަލު ހޯދައިދީ، އެ ކައުންސިލަރުންގެ މުސާރަ އަނބުރާ ރައްދުކުރުމާއެކު، އެލްޖީއޭ އިން ޤާނޫނާ ޚިލާފަށް ހިންގާފައިވާ ޖަރީމާތައް ވަރަށް ސީރިއެސްކޮށް ތަޙްޤީޤުކޮށް އެ ފަރާތްތަކާ މެދު ވަކިވަކިން ޤާނޫނީ ފިޔަވަޅުއަޅައި އަދަބުދެވޭނޭކަމުގެ ޔަޤީންކަން އަރުވަމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚު: 23 ޖޫން 2018