22 ޖޫން 2018: އެމްޑީޕީގެ ރިޔާސީ ކެމްޕޭންގެ ކެމްޕޭން ހަރަކާތެއްގެ ގޮތުން މިއަދު އެމްޑީޕީގެ ޔޫތު ވިންގް އިސްނަގައިގެން އިންތިޒާމްކުރި ޖަޒީރާ ރަން ކުރިއަށް ގެންދިއުމަށް ފުލުހުން ހުރަސް އަޅާ މިޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛް ހަސަން ލަތީފާ، ޕާޓީގެ ޑެޕިއުޓީ ޗެއަރޕަރސަން އަލީ ނިޔާޒާ، ޕާޓީގެ ސްޕޯކްސްޕަރސަން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީއާ، ޔޫތު ވިންގް ރައީސް މީކައިލް ނަސީމާ، ޔޫތު ވިންގް މެމްބަރު މައިމޫން މުޙައްމަދު ހައްޔަރު ކޮށްފައިވާކަން މިޕާޓީން ކުށްވެރިކުރަމެވެ. ރިޔާސީ އިންތިޚާބު ބޯމަތިވަމުންދާ ހިނދު ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ކެމްޕޭން ހަރަކާތްތަކާ މިނޫންވެސް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ޖާގަ ލިބިދިނުމަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރުކުރުމަށް ލާޒިމް އެެއް ކަން ކަމުގައި ވާހިނދު، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސް އަޅާ، ހުއްޓުވާ އަދި އެހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ބިރުދައްކާ، ސަސްޕެންޑްކޮށް، ހައްޔަރުކުރާކަމީ ސަރުކާރުން އިދިކޮޅު ސިޔާސީ ފިކުރަށް ޖާގަނުދީ ޚުދުމުހުތާރު ވެރިކަމެެެއް ހިންގާ، މިނިވަން އިންސާފުވެރި ވާދަވެރި އިންތިޚާބަކަށް ފުރުސަތު ނުދިނުމަށް ހިންގާ ހުތުރު އަމަލުތަކެއްގެ ގޮތުގައި ސިފަކޮށް މިހާރުން މިހާރަށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ބިރުދެއްކުމާ އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުން ހުއްޓާލުމަށް ގޮވާލަމެވެ.