2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގެ ޞައްޙަކަން ކަށަވަރުކުރެވެން ނެތްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
މިގޮތުން، އިލެކްޝަންސް ކޮމިޝަނުން 10 ޖޫން 2018 ދުވަހު ކޮށްފައިވާ ނަންބަރު (A) EA-2018/86 އިޢުލާނުއާއެކު ނެރެފައިވާ ވޯޓަރސް ލިސްޓުގައި ހިމަނާފައިވާ 263181 މީހުންގެ ނަމާއި އެޑްރެހާއެކު އެމީހުންގެ އައިޑެންޓިޓީ ކާޑު ނަންބަރު ހިމަނާފައި ނެތުމުން އެމީހުންގެ އައިޑެންޓިޓީ ކާޑު ނަންބަރު އެލިސްޓުގައި ހިމަނާފައިވަނީ ރަނގަޅަށްތޯއާއި، އެމީހުންެގެ ނަމާއި އައިޑެންޓީޓީ ކާޑު ނަންބަރު ދިމާވޭތޯއާއި، އެމީހުންގެ ނަން އެލިސްޓުގައި ލިޔެފައިވަނީ އައިޑެންޓިޓީ ކާޑުގައި ލިޔެފައިވާ ގޮތަށްކަން ކަށަވަރުކުރެވޭކަށް ނެތެވެ. ނަމަވެސް މި ދެންނެވި ކަންކަމަކީ ވޯޓުލާ މީހާ ވޯޓުލުމަށްޓަކައި ސައްޙަކުރަންޖެހޭ ކަންކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑއަޅާފައިވާ ކަންކަންކަމުގައި ފާހަގަކުރަމެވެ.
އެހެންކަމުން ވޯޓަރސް ލިސްޓުގައި ހިމަނާފައިވާ 263181 މީހުންނާ ގުޅޭ ޝަކުވާ، މި ޕާރޓީން އިލެކްޝަންސް ކޮމިޝަނަށް މިރޭ ވަނީ ހުށަހަޅާފައެވެ. މިދެންނެވި ކަންކަން މިހެން ހުރުމާއެކު، އިލެކްޝަންސް ކޮމިޝަނުން މިހާރު ނެރެފައިވާ ވޯޓަރސް ލިސްޓަކީ ސައްޙަ ލިސްޓެއްކަމުގައި މި ޕާރޓީން ޤަބޫލުނުކުރާކަމުގައި ދަންނަވަމެވެ.
_____________________
20 ޖޫން 2018