އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ވޯޓުލާ މީހުންގެ ލިސްޓާއިމެދު ހުރި ކަންބޮޑުވުންތައް ނޫސްވެރިންނާ ޙިއްސާކޮށްފި

މިއަހަރުގެ ސެޕްޓެންބަރު މަހަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ލިސްޓުކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ލިސްޓާމެދު ހުރި ކަންބޮޑުވުންތައް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނޫސްވެރިންނާ ޙިއްސާކޮށްފިއެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އެޕާޓީގެ ޗެއާޕަރސަންގެ ނައިބު ޢަލީ ނިޔާޒު ވިދާޅުވެފައިވަނީ ޢާންމުކޮށްފައިވާ ލިސްޓުގެ ސައްޙަކަން ކަށަވަރުކުރުމަށް އޮތް އެންމެ މުހިންމު ވާސިތާއަކީ އައިޑީކާޑު ނަންބަރުކަމުގައިވާ ހިނދު، އަދި ލިސްޓުގައި އައިޑީކާޑު ނަންބަރު ގޯސްކޮށް އޮތްނަމަ އެކަން އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމަށް އެކޮމިޝަނުން އެދިފައިވީނަމަވެސް، ޢާންމުކުރެވުނު ލިސްޓުގައި އައިޑީކާޑު ނަންބަރު ހިމަނާފައިނުވާކަމަށެވެ.
އަދި 2018 ސެޕްޓެންބަރު 23 ވަނަ ދުވަހަށް ޢުމުރުން 18 އަހަރު ނުފުރޭ މީހުންނާއި، މަރުވެފައިވާ މީހުންގެ ނަންވެސް އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ލިސްޓުގައި ހިމަނާފައިހުރިކަން ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކަންމިހެން ހުރިއިރު، އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ލިސްޓުގައި ކުށެއް އޮވެގެން އެކަން ރިޕޯޓުކުރެވޭގޮތަށް ހަމަޖައްސާފައި އޮތީ ކުށްކޮށް މަޢުލޫމާތު ހިމެނިފައިވި ފަރާތަށް އެފަރާތުގެ ޝަކުވާ އެކަނިކަމުން، މަރުވެފައިވާ މީހުންގެ ނަން އޮވެގެން ޝަކުވާ އުފުލުންފަދަ ޙާލަތްތަކުގައި އެކަންކުރަން ދަތިތަކެއްހުރިކަން ފާހަގަކުރައްވާ، ކުށް މަޢުލޫމާތު ހުރިނަމަ އެކަން ފާހަގަކޮށް އަމިއްލަ ފަރުދުންނަށާއި، ސިޔާސީ ޕާޓީތަކަށް ޝަކުވާ ހުށަހެޅެންވާނެކަމަށް ޢަލީ ނިޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން ޢަލީ ނިޔާޒު ވިދާޅުވެފައިވަނީ ފިތުރު ޢީދުގެ ބަންދު ތިން ދުވަސް ކެނޑުމުން، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އޮންނާނީ އެންމެ 3 ދުވަސްކަމަށްވާތީ، އެއީ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެކަށޭނަ މުއްދަތެއް ނޫންކަމަށެވެ.
މިކަންކަމަށް ޙައްލު ހޯދުމަށްޓަކައި، ރިޔާސީ އިންތިޚާބާ ގުޅިގެން އުފައްދާފައިވާ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށާއި، އެކަމުގައި އެންމެހައި ސިޔާސީ ޕާޓީތަކުން ބާރުއެޅުމަށް ޢަލީ ނިޔާޒު ގޮވާލެއްވިއެވެ.