މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ މިޕާޓީގެ ރިޔާސީ ކެމްޕޭން އިފްތިތާޙްކުރުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާއަކީ ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި އެޖަލްސާގެ އިވެންޓްތައް ހިންގުމަށް ދުރާލައި ރޭވި އިންތިޒާމް ކުރެވިފައިވާ ކުލަގަދަ ޖަލްސާއެކެވެ. އެހެންނަމަވެސް، މިއަދުގެ މެންދުރުގެ ވަގުތެއްގައި ރާއްޖޭގެ ކްރިމިނަލް ކޯޓުގައި އެއްވެސް އުޞޫލެއް، ހަމައެއް، ލަމައެއް ނެތި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ހިންގަމުން ދިޔަ ޝަރީޢަތް ނިންމައި، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމުގެ މައްޗަށް ބޭއިންސާފުން ޙުކުމް ކުރެވުމުން، މިރޭ ބޭއްވުމަށް ނިންމާފައިވާ މިޕާޓީގެ ރިޔާސީ ކެމްޕޭން އިފްތިތާޙްކުރުމުގެ ޖަލްސާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވުމާ ގުޅިގެން އެޖަލްސާ، 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.