ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ތަމްސީލުކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މި ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތްވާގޮތުގެމަތީން ބޭއްވި ރިޔާސީ ޕްރައިމެރީގެ މަސައްކަތުގައި ބައިވެރިވި އެމްޑީޕީގެ ކައުންސިލަރުންނަށް އެލްޖީއޭއިން ބިރުދެއްކުމުގެ ގޮތުން ސިޓީ ފޮނުވައި އަދި މިނޫންވެސް އެކިއެކި ކަންކަމާ ގުޅިގެން ސިޔާސީ ބޭނުމަށް ޤާނޫނާ ޚިލާފަށް އެކައުންސިލަރުންނަށް ފިޔަވަޅު އަޅަމުން ގެންދާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށް މިފަދަ ނާތަހުޒީބު ކަންކަން ކުރުން އެލްޖީއޭއިން ހުއްޓާލުމަށް ގޮވާލަމެވެ.
ފާއިތުވީ 5 އަހަރުތެރޭ ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ޙައްޤުތަކަށް އަރައިގަނެ، ޤާނޫނުތަކަށް ބޯލެނބުމެއްނެތި ޤަނޫނުގެ ވެރިކަން ވަނީ ނަގާލާފައެވެ. ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު އެއް ފައިދާއަކީ ލާމަރުކަޒީ ނިޒާމެވެ. އެހެންނަމަވެސް މި ނިޒާމު މިއަދު މިވަނީ ފުނޑާލާފައެވެ. މުޅި ލާމަރުކަޒީ ޤާނޫނު ގަޑުބަޑުކޮށް ކައުންސިލްތަކުގެ ބާރުވެރިކަންވަނީ ނަގާލާފައެވެ. ސަރުކާރާ ވާދަވެރި ސިޔާސީ ފިކުރުގެ ކައުންސިލަރުންނަށް ބޭއިންސާފުން ފިޔަވަޅު އެޅުން މިވަނީ އާންމު އުސޫލަކަށްވެފައެވެ.
އެމްޑީޕީން ދެކޭ ގޮތުގައި ދިވެހިރާއްޖެ ތަރައްޤީކުރެވޭނީ ލާމަރުކަޒުކޮށް، ކައުންސިލްތަކަށް ލިބިދޭންޖެހޭ ބާރުވެރިކަން ކަށަވަރުކޮށްދީގެންނެވެ. މަރުކަޒީ ބާރުތަކުން ވީއްލިގެންނެވެ. ފާއިތުވީ އަހަރުތަކުގައި ރައްޔިތުންގެ ޙައްޤުގައި ބަސްބުނެ، ކައުންސިލްތަކަށް ޤާނޫނުތަކުން ކައުންސިލްތަކަށް ލިބިދޭ ބާރުތަކުގެ ބޭނުން ކުރުމުގެ ސަބަބުން ސިޔާސީ ބޭނުމަށް ބޭއިންސާފުން އަދަބު ދީފައިވާ ހުރިހާ ކައުންސިލަރުންނަށް އެކަމުގެ ބަދަލު ހޯދައިދިނުމަކީ އެމްޑީޕީގެ އެއް އަމާޒެވެ. އަދި ސަރުކާރުގެ ނުފޫޒުން އެލްޖީއޭއިން ލާމަރުަކަޒީ ނިޒާމު ފުނޑާލުމަށް ކޮށްފައިވާ ހުރިހާ ކަމެއް ތަޙްޤީޤްކޮށް އެކަންކަމުގައި ބައިވެރިވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.