ހަމައިން ނެއްޓި، ކުފޫހަމަނުވާ ސިޔާސަތެއް ގެންގުޅެމުން، އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ވާދަކޮށް ދިވެހިރާއްޖެ ފަލީހަތް ކޮށްފައިވާ މައްސަލައާ ގުޅިގެން އެމް.ޑީ.ޕީ އިން ނެރޭ ނޫސް ބަޔާން

ބައިނަލްއަޤުވާމީ ހަމަތަކުން ނެއްޓި، ކުފޫހަމަނުވާ ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން، ޢަބްދުﷲ ޔާމިނުގެ ސަރުކާރުން އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ދިވެހިރާއްޖެ ވާދަކުރުވައި މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖެ ފަލީހަތް ކޮށްފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ހޯދުމަށް ދިވެހިރާއްޖެއަށް އެންމެ ބޮޑު ފުރުސަތެއް ލިބުނު މި ފަހަރުގައި، އޭޝިޔާ ޕެސިފިކް ސަރަޙައްދުން އިންޑޮނޭޝިޔާއާއެކު ދިވެހިރާއްޖެ ވާދަކޮށް ނާކާމިޔާބުވެފައިވަނީ ހައިރާންކުރުވަނިވި ނަތީޖާއަކުންނެވެ. 144 ޤައުމަކުން އިންޑޮނޭޝިޔާއަށް ވޯޓުދީފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވަނީ އެންމެ 46 ވޯޓެވެ. އިންޑޮނޭޝިޔާ މީގެ ކުރިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް 3 ފަހަރެއްގެ މަތިން ހޮވިފައިވުމުގެ ސަބަބުން، އައު ޤައުމަކަށް މި ސަރަޙައްދުން އެ ފުރުސަދު ލިބުމަކީ ވަރަށް ގާތްކަމަކަށްވީ ނަމަވެސް ދިވެހިރާއްޖެ އެވަނީ ބޮޑުތަނުން ނާކާމިޔާބާ ކުރިމަތިލާފައެވެ. އަދި މި ނާކާމިޔާބު ލިބިފައިވަނީ އެކަމަށްޓަކައި ވަރަށް ބޮޑެތި ޚަރަދުތަކެއް ދައުލަތުންކޮށް، ދިގު މުއްދަތަކަށް ވަރަށް ބޮޑަށް ކޭމްޕޭން ހިންގައި، އަދި ސަރުކާރުގެ ޔަޤީންކަން އޮތް މިންވަރުގެ ވާހަކަ ވަރަށް ބޮޑަށް ފަތުރާފައިވަނިކޮށެވެ.

ޢަބްދުﷲ ޔާމިންގެ ސަރުކާރު އޮވެގެން، ލަދުގަންނަވަރުގެ ނާކާމިޔާބެއް ދިވެހިރާއްޖެއަށް ލިބިފައިވާއިރު، އެމް.ޑީ.ޕީ ސަރުކާރުގައި 2009 ވަނަ އަހަރު އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށް ދިވެހިރާއްޖެ ވާދަކޮށް ކާމިޔާބުކޮށްފައިވަނީ ރެކޯޑު އަދަދެއްކަމަށްވާ 185 ވޯޓުންނެވެ. އަދި އެއަށްފަހު މަސައްކަތްކުރަމުން ދިއައީ ސަލާމަތީ މަޖިލީހުގެ ގޮނޑި ވެސް ކާމިޔާބުކުރުމަށެވެ. ނަމަވެސް ދިވެހިރާއްޖެއަށް ފަހިވަމުން ދިއަ އެފުރުސަތު ހުތުރު ގޮތަކަށް ނަގާލާފައިއެވަނީ ޢަބްދުﷲ ޔާމިންގެ ސަރުކާރުންކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
މިފަދަ ބޮޑު ފަލީހަތެއްވުމުގެ ސަބަބުތަކުގެ ތެރޭގައި މި ސަރުކާރުން އދ. ގެ މުއާހަދާތަކާއި ޤަރާރުތަކަށް ބޯނުލެނބުމާއި، ބައިނަލްއަޤުވާމީ ހަމަތަކާއި މިންގަނޑުތަކުން ނެއްޓެމުންދިއުމާއި، ރައީސް މުޙައްމަދު ނަޝީދާއި އެނޫން ވެސް ބައެއް ސިޔާސީ ފަރާތްތައް މިނިވަންކުރުމަށް ގޮވާލާ އދ. ގެ ގުނަންތަކުން ނިންމާފައިވާ ނިންމުންތަކަށް އިޙްތިރާމް ނުކުރުމާއި، ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް ފާޅުގައި އަރައިގަންނަމުންދާދިއުން ހިމެނޭކަން ކަށަވަރެވެ. ހަމަ އެފަދައިން ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅުން ކެނޑުމުގެ ދޯހަޅި ސިޔާސަތު ގެންގުޅުމާއި، އިންޑިއާ ކަނޑުގެ ހަމަޖެހުން ނަގާލުމުގެ ޢަމަލުތައް ހިންގުމާއި، ދީނުގެ ނަމުގައި އެކި ޤައުމުތަކަށް ހަނގުރާމައަށް ދާ ދިވެހިން އުފައްދާ ތަނަކަށް ރާއްޖެ ހަދައި، ހަރުކަށި ފިކުރުތަކަށް ޖާގަދިނުމާއި، ކަޅުފައިސާ ދޮވުމާއި ސަރުކާރުން ހިންގާފައިވާ ބޮޑެތި ވައްކަންތަކާއި ޚިޔާނާތުގެ ޖަރީމާތައް ހިމެނޭކަން ވެސް ކަށަވަރެވެ.

އެހެންކަމުން ޢަބްދުﷲ ޔާމިން ގެ ސަރުކާރަކީ، ބައިނަލްއަޤުވާމީ ދުނިޔެއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަންޖެހޭ ގުޅުމުގެ ތެރެއިން ރާއްޖެއަށް ލިބެން ހުންނަ މަންފާތަކާއި ކުރިއެރުންތަކުގެ އެއްވެސް އުއްމީދަކާ ގުޅިފައިވާ ސަރުކާރެއް ނޫނެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚު: 9 ޖޫން 2018