އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި މެމްބަރުންގެ %83 މީހުން ވޯޓުލާފައިވާކަން އުފަލާއެކު ފާހަގަކޮށް ރައީސް މުޙައްމަދު ނަޝީދަށް މަރުހަބާ ދެންނެވުން

31 މެއި 2018

މިމަހުގެ 30 ވަނަ ދުވަހު ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި، ޕާޓީ ދަފްތަރުގައިވާ މެމްބަރުންގެ ތެރެއިން %83 މެމްބަރުން ވޯޓްލައްވާފައިވާކަން އުފަލާއެކު ފަހަގަކޮށް، ޕްރައިމަރީގައި ވާދަކުރެއްވި ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް މަރުހަބާ ދަންނަވަމެވެ. އިންތިޚާބު ހުއްޓުވުމުގެ މަގްސަދުގައި ސަރުކާރުން ކުރިމަތިކުރުވި ގިނަ ފިއްތުންތަކާ ގިނަގުނަ ދަތިތަކާއެކުމެ މިޕާޓީގެ މެމްބަރުން ޖޯޝާފޯރިއާއެކު މިއިންތިޚާބުގައި ވޯޓުލެއްވުމަށް ނިކުމެވަޑައިގެންފައިވާކަން ފާހަގަކުރަމެވެ. އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށްޓަކައި ފުލުހުންވަނީ ސިވިލް ކޯޓުން ކޯޓު އަމުރެއް ހޯދާފައެވެ. ނަމަވެސް މިކޯޓު އަމުރުގައި މައްސަލަ ރައްދުވާ ފަރާތަކަށް އޮތީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީކަމަށް ވާތީ، މިއަމުރަކި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ރައްދުވާ އަމުރެއް ނޫންކަމަށް މިޕާޓީން ވާނީ ފާހަގަކޮށްފައެވެ. މިއަމުރަކީ ސައްހަ އަމުރަކަށް ނުވާއިރުވެސް، ފުލުހުން ވަނީ ރާއްޖޭގެ އެކި ހިސާބުގައި ވޯޓުލުން ކުރިއަށް ގެންދިޔަ މަރުކަޒުތަކަށް ގޮސް ވޯޓުލުމަށް ހުރަސް އެޅުމުގެ ހަރަކާތެއް ހިންގާ، އެތަކެއް ވޯޓު ފޮށްޓެއް ނަގައިގެން ގެންގޮސް، ބައެއް އެމްޑީޕީގެ މެމްބަރުން ހައްޔަރުކޮށްފައެވެ. މިގޮތުން އެމްޑީޕީ މެމްބަރުންނަށް ބިރުދައްކާ ވޯޓުލުން މަނާ ކުރަން މަސައްކަތްކޮށްފައިވީ ނަމަވެސް، ވޯޓު ލުމަށް ހަމަޖެހިފައިވާ ގަޑި ހަމަވުމަށް ދާންދެން ވޯޓުލުން ދިޔައީ ފޯރީގައި ކުރިއަށެވެ. އަދި މެމްބަރުންވަނީ ވޯޓު ލެވޭނެ ހުނަރުވެރި ގޮތްތައް ހޯއްދަވާ، ފުރިހަމައަށް މިޕްރައިމަރީގައި ބައިވެރިވެވަޑައިގެންފައިކަން ފާހަގަކުރަމެވެ. ވޯޓުލުން ކުރިއަށް ގޮސްފައިވަނީ މެންދުރު 14:00 އިން ދަންވަރު 00:00 އަށް ރާއްޖޭގެ 218 ވޯޓުލާ މަރުކަޒެއްގައާ ރާއްޖޭން ބޭރުގެ 6 ވޯޓުލާ މަރުކަޒެއްގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން ޕާޓީގެ 44،011 މެމްބަރުން ވަނީ ވޯޓު ލައްވާފައެވެ. މީގެ ތެރެއިން 43،922 މެމްބަރުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ވޯޓު ދެއްވާފައިވާއިރު، 14 ވޯޓު ފެނިވަޑައިނުގަންނަކަމަށް އަދި 75 ބާތިލް ވޯޓު ހިމެނެއެވެ. އެމްޑީޕީގެ މެމްބަރުން ޑިމޮކްރަސީއާ ޑިމޮކްރަސީގެ މަރުހަލާތަކަށް ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދީ، ދޫދެއްވުމެއްނެތި، ފޯރިއާ ހިތްވަރާއެކު ވޯޓުލުމުގެ ޙައްޤު ޔަޤީންކުރައްވާފައިވާތީ މިޕާޓީގެ މެމްބަރުންނަށް މަރުހަބާ ދަންނަވަމެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ދަންނަވާ، ގިނަގުނަ ދަތި އުނދަގޫތަކާއެކުވެސް ރައީސް ނަޝީދުގެ ކެމްޕޭންގެ އާދަޔާ ޚިލާފު ހަރަކާތްތައް މުޅި ރާއްޖޭގައި ވަރަށް ފުރިހަމައަށް ހިންގިފައިވާކަން ފާހަގަކުރަމެވެ.

މިފުރުސަތުގައި ސަރުކާރަށާ އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސް އަޅާ ޕާޓީތަކަށް ބިރުދެއްކުމަށާ، ޕާޓީތަކުގެ އެތެރޭގެ ހިންގުމާ ގުޅޭ ކަންކަމަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ. އަދި އިލެކްޝަންސް ކޮމިޝަން ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަން އިންސާފުވެރި އިންތިޚާބެއް ޔަޤީންކޮށްދިނުމަށާ، ކޮމިޝަނާމެދު އާއްމުންގެ އިތުބާރާ ޔަޤީންކަން ޤާއިމްކުރުމަށް އަހައްމިއްޔަތުކަން ދިނުން މާމުހިއްމުކަން ފާހަގަކުރަމެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމަށް ހުރަސްއެޅުމުގެ ތެރޭގައި މިޕާޓީގެ 22 މެމްބަރުން ހައްޔަރުކޮށްފައިވާތީ އެފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ. އަދި އިއްޔެގެ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުން ހިންގި ހަރަކާތްފަދަ ލަދުވެތި ކަންކަމުގައި ދައުލަތުގެ މުއައްސަސާތައް ޝާމިލްނުކުރުމަށާ އެފަދަ ކަންކަމުން އެމުއައްސަސާތަކަށް ރައްދުވާ މަލާމާތާ ފާޑުކިޔުމުން އެއްކިބާކުރުމަށް ސަމާލުވުމަށް ސަރުކާރަށް ގޮވާލަމެވެ.