ބަރަކާތްތެރި ރަމަޟާން މަހުގެ ދަންވަރުގެ ވަގުތެއްގައި ޢަލީ ހާޝިމް ދީދީ ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، އެގެ ބަލާ ފާސްކުރުމަށްފަހު އޭނާ ހައްޔަރުކޮށްފައިވަނީ އެއްވެސް އަސްލެއްނެތް ތުހުމަތުތަކެއްގެ މައްޗަށްކަމަށް މިޕާޓީއިން ދެކެމެވެ. އަދި ހާޝިމް ދިރިއުޅުއްވާ ގެއިންވެސް ފުލުހުންގެ ތުހުމަތުތަކަށް ވާގިދޭ ލިޔެކިޔުމެއް ފެނިފައިނުވާކަން ފާހަގަކުރަންމެއެވެ.
ސައްޙަނޫން ލިޔުމެއް ތައްޔާރުކުރިކަމަށް ބުނެ، ދިއްދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފައިވާއިރު މީގެކުރިންވެސް ސަރުކާރުންވަނީ އޭނާއަށް އެކިބާވަތުގެ އުނދަގުލާއި، ތުރާ ކުރިމަތިކުރުވާފައެވެ.
އެގޮތުން ސިޔާސީ ހައްޔަރީން މިނިވަންކުރުަމަށާއި، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން 2018 ފެބްރުއަރީ 1 ގައި ނެރުނު ޢަމުރު ތަންފީޒުކުރުމަށް ހއ. ދިއްދޫ ކައުންސިލުން ގޮވާލާ ނެރުނު ބަޔާނާ ގުޅިގެން ޢަލީ ހާޝިމް ދީދީވަނީ އޮފީހަށް ނުކުމެވަޑައި ނުގެންނެވޭގޮތަށް ސަސްޕެންޑުކޮށްފައެވެ.
މިއާއެކު ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓުތައް ރަށު ކައުންސިލްގެ ބަހެއްނެތި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކަށް ހަމައެއްނެތި ދީފައިވާ މަސްއަލައިގައި ނުރުހުން ފައުޅުކޮށް، އެކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައިވާތީ 2017 ސެޕްޓެންބަރުގައިވެސް އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ.
ދިއްދޫގެ ރައްޔިތުންގެ ސީދާ ސިއްރު ވޯޓުން އިންތިޚާބުކޮށްފައިވާ ރަށު ކައުންސިލްގެ ރައީސަށް ސަރުކާރުން މިބާވަތުގެ ދުއްތުރާ ދެމުންދަނީ ލާމަރުކަޒީ ނިޒާމަށާއި، ރަށުގެ ރައްޔިތުންގެ ނިންމުމަށްކުރާ މަލާމާތެއް އަދި ޖެއްސުމެއްގެގޮތުގައި ކަމުގައި މެނުވީ މިޕާޓީއިން ނުދެކެމެވެ.
އަދި ދިއްދޫ ކައުންސިލްގެ ރައީސް ހައްޔަރުކުރުމަކީ ސިޓީ އަދި ރަށު ކައުންސިލުތަކުގެ ބާރުތައް ހަނިކޮށް، އެބާރުތައް މާލޭގެ މައި ސަރުކާރުގެ މުށުތެރެއަށް އަލުން ޖަމާކުރުމަށް ރައީސް ޢަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގަތީއްސުރެން އަޅުއްވަމުންގެންދަވާ ނަހަމަ ފިޔަވަޅުތަކުގެ ތެރެއިންވާކަމެއްކަމުގައިވެސް މިޕާޓީއިން ސިފަކުރަމެވެ.
ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަމުގައި ބަޔާންވެގެންވާހިނދު، ލާމަރުކަޒީ ނިޒާމުގެ މަޤްސަދު ގެއްލޭގޮތަށް، އެނިޒާމަށާއި، ކައުންސިލު މެންބަަރުންނަށް ސަރުކާރުން ކުރިމަތިކުރުވަމުންދާ ފިއްތުންތަކަކީ ޣައިރު ޤާނޫނީ ޢަމަލުތަކެއްކަމުގައިވެސް މިޕާޓީއިން ދެކޭ ވާހަކަ ދަންނަވަމެވެ.
ޚާއްސަކޮށް ދިއްދޫ އަދި ޢާންމުކޮށް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވެވަޑައިންނަވާ ރައްޔިތުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު އަޣްލަބިއްޔަތެއް ސިޓީ، އަތޮޅު އަދި ރަށު ކައުންސިލުތަކުންދީފައިވެއެވެ.
އެކަމުގެ ބަދަލު ހިފުމެއްގެގޮތުން ކައުންސިލަރުން ހިފާ ހައްޔަރުކޮށް، ސިޓީ، ރަށް އަދި އަތޮޅު ފެންވަރުގައި ރައްޔިތުންގެ ސީދާ ބަސް އިއްވިޔަނުދީ، މައި ސަރުކާރު ހިތުހުރި ގޮތަކަށް ތަރައްޤީގެ ނަމުގައި ކަންކަން ރާވާ ހިންގުމީ މިޒަމާނަށް ނުފެތޭ ބޯދާ ވިސްނުމެއްކަމުގައި މިޕާޓީއިން ސިފަކުރާ ޙާލު، މިބާވަތުގެ ނާތަހުޒީބު ޢަމަލުތަކުން ފެޔަށްޖެހުމަށް އެމްޑީޕީއިން ސަރުކާރަށް އިލްތިމާސްކުރަމެވެ.