ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވުމުގެ ފުން ހިތާމާގައި އެމް.ޑީ.ޕީ އިން ބައިވެރިވުން

މަޝްހޫރު ޢިލްމުވެރިޔާ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ބައިވެރިވަމެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަކީ މުޅި ޤައުމުގެ ރައްޔިތުންގެ މެދުގައި އިޙްތިރާމާއި ޤަދަރު ލިބިވަޑައިގެންވި، އެންމެ މަތީ ފަންތީގެ ދީނީ ދަންނަ ބޭކަލެކެވެ. ވިސްނުންތެރި، މަޑުމައިތިރި، ޚުލްޤު ހެޔޮ، ހެޔޮލަފާ ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވުމުން ރައްޔިތުން ފާޅުކުރަމުންދާ ހިތާމައާއި ތަޢުޒިޔާގެ ޝުޢޫރުތަކުން ވެސް އެކަން ހާމަވެގެންދެއެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަކީ އެމް.ޑީ.ޕީ ސަރުކާރުގެ އަދި ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. އެމަނިކުފާނުގެ ވަޒީރުކަމުގައި އެމް.ޑީ.ޕީގެ ސަރުކާރު މެދުވެރިކުރައްވައި ދިވެހިރައްޔިތުންނަށް ނުހަނު މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.

މަތީ ތަޢުލީމަށް ކިޔަވައިދެއްވުމާއި ޢިލްމީ ފޮތްތައް ލިޔުއްވުމުގެ ދާއިރާއިން ވެސް މަތިވެރި ޚިދުމަތްތަކެއް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ކުރައްވަމުން ގެންދަވާފައިވެއެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަކީ ރާއްޖޭގެ ސިޔާސީ އިސްލާޙީ މަސައްކަތުގައި ވަރަށް ސާބިތުކަމާއެކު މަސައްކަތްކުރެއްވި ބޭފުޅެކެވެ. ޢަދުލުއިންސާފު ޤާއިމުކުރުމަށް ގޮވާލެއްވުމުގައާއި ޙައްޤު ބަސް ވިދާޅުވުމުގައި ފަސްޖެހިވަޑައިނުގެން މަސައްކަތްކުރެއްވި އިޚްލާޞްތެރިއެކެވެ. އެމަނިކުފާނު މި ދުނިޔެ ދޫކުރެއްވުމީ މި ޤައުމަށް ލިބުނު ނުހަނު ބޮޑު ގެއްލުމެކެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ފުރާނަފުޅަށް މާތް ﷲ ރަޙްމަތްލައްވަވައި ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް ލެއްވުމަށް ދުޢާކުރާ ހިނދު، އެމަނިކުފާނުގެ ޢާއިލާއަށް ކެއްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން!

23 މޭ 2018
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް