ރިޔާސީ ޕްރައިމަރީއާ ގުޅޭ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ރިޔާސީ ޕްރަައިމެރީ އިންތިޚާބުގައި ކުރިމަތިލެއްވުމުގެ ވަގުތު މިއަދު ހަމަވީއިރު ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވަނީ ރައީސް މުޙައްމަދު ނަޝީދުއެވެ.

މިއަދު ޕަޓީގެ މައި އޮފީހާ ފޯމު ހަވާލުކޮށްދެއްވީ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން މެނޭޖަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. ރިޔާސީ ޕްރައިމެރީގައި ކުރިމަތިލެއްވުމަށް އެދޭ ފޯމާއެކު ރައީސް މުޙައްމަދު ނަޝީދު ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވުމަށް ތާޢީދުކޮށްފައިވާ 7739 އެމްޑީޕީ މެންބަރުންގެ ސޮއި ހިމެނޭ ތާއީދު ފޯމު ހުށަހެއްޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހެއްޅުއްވި ފޯމުތަކާއި ތާއިދު ތާއީދު ފޯމުތައް އިންތިޚާބާ ބެހޭ ކޮމިޓީން ބެއްލެވުމަށްފަހު އެއީ ސައްޙަ ފޯމުތަކެއްކަން ވަނީ ނިންމަވާފައެވެ.

ރިޔާސީ ޕްރައިމެރީއަށް ކުރިމަތިލެއްވުމުގެ ވަގުތު ހަމަވީއިރު އިންތިޚާބުގައި ވާދަކުރެއްވުމަށް އިތުރު ފަރާތަކުން ހުށަހަޅުއްވާފައިނުވެއެވެ.