އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފޯރީގައި ނުކުމެވަޑައިގަތުމަށް ޗެއަރޕާސަން އެދިވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ފޯރީގައި ނުކުމެވަޑައިގަތުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން އަލްއުސްތާޛު ޙަސަން ލަތީފު އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހޯމަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން އަލްއުސްތާޛު ޙަސަން ލަތީފު ވިދާޅުވީ މޭމަހުގެ 30 ގައި ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިއިންތިޚާބުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން އެއް ވޯޓުފޮށި އަދި ދިވެހިން ގިނަ ޢަދަދަކަށް ދިރިއުޅޭ ސްރީލަންކާގެ ކޮޅުނބާއި، ކެންޑީ، އިންޑިޔާގެ ޓްރިވަންޑްރަމާއި ބެންގަލޫރާއި އަދި މެލޭޝިޔާގެ ކުއަލަލަންޕޫރާއި، އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުގައި ނަން ނެތްނަމަ އެކަން ރަނގަޅުކުރުމަށް ޝަކުވާ ހުށަހެޅުމަށްވެސް ފުރުސަތު ހުޅުވާލެވޭނެކަން މަޢުލޫމާތުދެއްވަމުން ޗެއަރޕާސަން ވިދާޅުވެފައިވަނީ ވީހާވެސް ގިނަ މެންބަރުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރެވެމުން ދާކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ މަސައްކަތަކީ ޢާންމު މެންބަރުން ވަރަށް ޝައުޤުވެރިކަމާއެކު ޖޯޝުގައި ހިންގަވާ ޙަރަކާތްތަކެއްކަމަށް ފާހަގަކުރައްވަމުން އެމްޑީޕީގެ މިބާވަތުގެ ޙަރަކާތްތަކަކީ ދިވެހިރާއްޖޭގެ އެހެނިހެން ސިޔާސީ ޕާޓީތަކަށް އޮތް މިސާލެއްކަމުގައި ޗެއަރޕާސަން ސިފަކުރެއްވިއެވެ.

މިއާއެކު ސަރުކާރުން ތާޢީދުހޯދުމުގެ ނަމުގައި ވަޒީފާގެ ބިރުދައްކަމުންދާކަމަށް ފާޑުވިދާޅުވެ، އަލްއުސްތާޛު ޙަސަން ލަތީފު ވިދާޅުވެފައިވަނީ އެމްޑީޕީގެ އަމާޒަކީ ރައްޔިތުންގެ ގާތަށް ގޮސް، އެރައްޔިތުންގެ ޙާލަތު އޮޅުންފިލުވައި، ޙައްލުތަކެއްގެ މައްޗަށް ބިނާވާ ހުށަހެޅުންތަކަކާއެކު ނުކުމެ، ރައްޔިތުންނާއެކު އިންތިޚާބު ކާމިޔާބުކުރުންކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތުވަނީ މޭމަހުގެ 15 އިން 19 އަށް ހުޅުވާލައިފައެވެ.