އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މެއި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާނެ ކެނޑިޑޭޓެއް އިންތިޚާބުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ 162 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރައްވައި މޭ މަހުގެ 15 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމެރީ ހުޅުވާލުމަށާއި މޭ މަހުގެ 30 ވަނަ ދުވަހު ޕާޓީގެ ޕްރައިމެރީ ބޭއްވުމަށް ނިންމަވައިފިއެވެ.
ޤައުމީ މަޖިލީހުގެ ޤަރާރުގައި ވަނީ އިސްވެދެންނެވުނު ތާރީޚުގައި ޕްރައިމެރީ ބޭއްވުމަށާއި، ޕާޓީން އިންތިޚާބުކުރާ ކެނޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ދެން ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނީ ޕާޓީގެ ޤައުމީ މަޖިލީހުން ކަމުގައެވެ. ބުދަ ދުވަހުގެ ޤައުމީ މަޖިލީހުގައި ފާސްކުރެވުނު ޤަރާރު ހުށަހެޅުއްވީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ. މިޤަރާރު ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 85 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ވޯޓުންނެވެ.