މަދަރުސީ މާހައުލުގެ ރައްކާތެރިކަން ޔަޤީންކޮށްދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށާއި، ތަޢުލީމީ ދާއިރާގައި ނިންމާ ކަންކަން އިންސާފުވެރިކޮށް ނިންމުމަށް ގޮވާލުން

މަޖީދިއްޔާ ސްކޫލްގެ ޓީޗަރުންތަކެއް ކިޔަވައިދެއްވަން ކްލާސްތަކަށް ނުވަންނަވައި 24 އެޕްރިލް 2018 ވަނަ ދުވަހު ހެނދުނު އިހުތިޖާޖުގައި ތިއްބެވުމަކީ ކުޑަކަމެއް ނޫނެވެ. އެކަން ބޮޑު ކަމަކަށް ވަނީ ޓީޗަރުން އިހުތިޖާޖުކުރުމުން އެކަންޏެއް ނޫނެވެ. އެކަން ބޮޑުކަމަކަށް ވާ އެންމެ މުހިންމު ސަބަބަކީ، ޓީޗަރަކު ކްލާހެއްގައި ކިޔަވައި ދެމުން ގެންދަނިކޮށް ބޭރުން އެ ކްލާހަށް އައިސް ވަން ދަރިވަރަކު ކްލާހުން ބޭރުކުރަން ޓީޗަރ އުޅުމުން ޓީޗަރު މާރާމާރީ ހިންގީކަމަށް ބުނެ ޓީޗަރަށް ހަމަލާ ދޭން ދަރިވަރު އުޅުމެވެ. އަދި އެ ކަމާ ގުޅިގެން، ދަރިވަރާމެދު ފިޔަވަޅެއް އެޅުމުގެ ކުރިން ޓީޗަރު ސަސްޕެންޑް ކުރުމެވެ. ޓީޗަރުން ދެކެވަޑައިގެންނެވި ގޮތުގައި ސްކޫލުގައި ޓީޗަރުންނަށް ސަލާމާތް ކަމާއެކު މަސައްކަތް ކުރުމުގެ ޔަޤީންކަމެއް ނެތެވެ. ސްކޫލްގައި ހިނގައިފާނެ ކަމެއްގައި އެ މީހުންނާ މެދު އިންސާފު ލިބިދާނެކަމުގެ އިތުބާރެއް ވެސް ނެތެވެ.

މަޖީދިއްޔާ ސްކޫލްގައި މި ދިމާވި މައްސަލައާއި، ސްކޫލް ކުދިންގެ މެދުގައި މި އަހަރު ހިނގާފައިވާ ތަފާތު މިފަދަ އަޚްލާޤީ މައްސަލަތަކަށް ބަލާއިރު ފާހަގަކުރޭ ކަމަކީ ސްކޫލްތަކާއި މުޖުތަމަޢުގައި ކުދިންގެ ޢަޚްލަޤީ މައްސަލަތައް އިތުރުވަމުންދާ ކަމެވެ. އަދި މި މައްސަލަތައް ގިނައިން ދިމާވަނީ، ސްކޫލް މަންހަޖުން ބާކީކޮށް ‘ދަސްވާރު’ ގެ ނަމުގައި ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވާ ކުދިންގެ މެދުގައި ކަމެވެ.

މި ޕާޓީން އަބަދުވެސް ބުނަމުން އަންނަނީ ވަކި ކުދިބަޔަކީ ނުކިޔެވޭނެ ކުދިންތަކެއްގެ ގޮތުގައި ލޭބަލްކޮށްގެން ގެންގުޅުމަކީ ގޯހެއްކަމަށެވެ. އެއީ ސްކޫލްތެރޭގައާޢި ސްކޫލުން ބޭރުގައި އެ ކުދިން ނަފްސާނި ގޮތުންނާއި އަޚްލާޤީގޮތުން ބަލިކަށި ވެދާނެ ކަމެއް ކަމަށެވެ. އަދި އެއީ އޭގެ ސަބަބުން ކުށްކުށަށް އަރައިގަންނަ ކުދިންގެ އަދަދު ގިނަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސްކޫލް ތެރޭގައާއި ސްކޫލުން ބޭރުގައި ވެސް ކުދިންގެ މި ފަދަ މައްސަލަތައް ދިމާވުމުން، އެ ކަންކަމާ ގުޅިގެން އަވަސް ފިޔަވަޅުތައް ނޭޅި ދާކަން މި ޕަޓީން ފާހަގަކުރަމެވެ. އެހެން ދިމާވާ ސަބަބެއް ކަމަށް މި ޕާޓީން ދެކެނީ ސްކޫލްތަކުގެ ހިންގުމުގެ ތެރެއަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަރަންބޮޑަށް ވަންނަވައި، ސްކޫލްގެ ކަންކަން ނިންމުމުގެ ފުރިހަމަ އީޚްތިޔާރު ސްކޫލްތަކަށް ނުދެއްވައި، ސްކޫލްގެ ކަންކަމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ސީދާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމަވަމުން ގެންދެވުމެވެ.

އެހެންކަމުން، ސްކޫލްތަކުގެ ކަންކަން ނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ސްކޫލް މެނޭޖްމެންޓަށް ދޫކުރެއްވުމަށާއި، ސްކޫލްތަކުގެ ތެރޭގައާއި މުޖުތަމަޢުގައި ސްކޫލް އުމުރުގެ ކުދިން ކުށްކުށަށް އަރައިގަންނަ މައްސަލައާމެދު ހަރުދާނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، މަދަރުސީ މާހައުލުގެ ރައްކާތެރިކަން ޔަޤީންކޮށްދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށާއި، ތަޢުލީމީ ދާއިރާގައި ނިންމާ ކަންކަން އިންސާފުވެރިކޮށް ނިންމުމަށް މި ޕާޓީން މިނިސްޓަރީ އޮފް އެޑިޔުކޭޝަނަށް ގޮވައިލަމެވެ.

24 އެޕްރިލް 2018