ޤައުމަށްޓަކައި، އަނިޔާވެރި ވެރިއެއްގެ ޝިކާރައަކަށްވެގެން 9 މަސް!

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތު ކުރެވޭކަމަށް ބުނާ މައްސަލައެއްގައި 18 ޖުލައި 2017 ދުވަހު ހައްޔަރު ކުރެވިފައިވެއެވެ. އެދުވަހު އެމަނިކުފާނު ހައްޔަރު ކުރެވުނުއިރު، އަދި އެމައްސަލައިގެ ތަޙްޤީޤު ނުނިމެއެވެ. ދަޢްވާއެއް އުފުލިފައެއް ނުވެއެވެ. ޖެހިގެން އައި ދުވަހު، މިދެންނެވި ތަޙްޤީޤު ނުނިމޭ މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރައްވައި، ޤާނޫނާއި، ޢަދުލް އިންޞާފުގެ ހަމަތަކާ ކަނޑައެޅިގެން ޚިލާފަށް، އެމަނިކުފާނާއި، އެމަނިކުފާނުގެ ޢާއިލާއާއި، ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންގެ އެތަކެއް ޙައްޤުތަކެއް ސަރުކާރުން ވަނީ ނިގުޅައިގެންފައެވެ. އެމަނިކުފާނު ބަންދުގައި ހުންނަވާތާ މިއަދަށް 9 މަސްދުވަސް ވީއެވެ.

1 ފެބްރުވަރީ 2018 ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ނެރުއްވި އަމުރުގައި، އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލައިގައި އެމަނިކުފާނާމެދު ކަންކަން ހިނގަމުންދަނީ ސިޔާސީ ނުފޫޛު ފޯރުވައިގެން ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވާފައިވެއެވެ. ސުޕްރީމް ކޯޓުގެ ފަހުގެ އަމުރު ތަކުގައި، އެމައްސަލަތަކަށް ސިޔާސީ ނުފޫޛު ވަދެފައިނުވާކަމަށްބުނެ، އެނުކުތާ ނަފީ ކުރައްވާފައިނުވާތީ، މިހާރުގެ ސުޕްރީމް ކޯޓުގެ ވިސްނުންފުޅަކީވެސް ހަމަ އެއީކަން އެނގެއެވެ. އެކަން އިތުރަށް ކަށަވަރުވަނީ 18 ޖުލައި 2017 ގައި ހައްޔަރުކޮށް ހިންގި ޝަރީޢަތުގައި، ދައުލަތުގެ “ސިއްރު” ހެއްކެއްކަމަށްބުނެ ހުށަހެޅި ހެކި މީހާ، 12 މާރިޗު 2018 ދުވަހު ކުރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހުގައި، މާތްﷲ ގަންދެއްވައި، ހުވައި ކޮށް، ހެކިބަސް ދިންއިރު، އަޙްމަދު ފާރިސް މައުމޫން، ނުވަތަ އޭނާގެ ފަރާތުން ވިޔަސް އެއްވެސް މީހަކު އެހެކި މީހާއަށް އެއްވެސް ރިޝްވަތެއް އެއްވެސް އިރަކު ދީފައި ނުވާކަމަށްބުނެ ހެކިބަސް ދީފައިވާތީއެވެ. ސުޕްރީމް ކޯޓުގެ 1 ފެބްރުވަރީ 2018 ގެ ޙުކުމާ، އަޞްލު ޙަޤީޤަތާ ދިމާވީއެވެ. މިޙާލަތުގައި އެމައްސަލަ ދައުލަތުންބިނާ ކުރެއްވި އަސާސް ގެއްލުނީއެވެ. މުޅި މައްސަލައަކީ ހަދައިގެން އުޅޭ މައްސަލައެއްކަން މުޅި ދުނިޔެއަށް ޔަޤީންވެ ކަށަވަރުވީއެވެ. އެހެންކަމުން، 18 ޖުލައި 2018 އިން ފެށިގެން އަޙްމަދު ފާރިސް މައުމޫން ބަންދުކޮށްފައިހުރީ، އެއްވެސް އަސާސެއް، ހަމައެއް ނަމައެއް ނެތް ގޮތެއްގައެވެ. އެކަމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކު، އެކަން ކުރަންޖެހޭ ދުވަސް އޮތީ މާ ދުރަކު ނޫނެވެ.

އަޙްމަދު ފާރިސް މައުމޫނުގެ މައްސަލައަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭނުން ކޮށްގެން ނުވާނެ ގޮތުގެ ލާމަސީލު މިސާލެކެވެ. ސަރުކާރުގެ ނުފޫޛާއި ސިޔާސީ ވިސްނުން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ދާއިރާގެ ތެރެއަށް ނުވަންނަންވީ ކީއްވެގެންކަން ދޭހަކޮށްދިނުމަށް ސްކޫލްތަކުގައި ކިޔަވައިދޭންޖެހޭ ފެންވަރުގެ ބޭއިންސާފު މައްސަލައެކެވެ. އެންމެފަހުން، މިހާރު އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، އެމަނިކުފާނު ޖަލުގައި، ޢާއިލާއާއި ސަޕޯޓަރުންނާ ބައްދަލުނުވެ ހުންނަވާތާ 6 މަސް ދުވަސް ފަހުން، އެމަނިކުފާނު ބަންދުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ނެރުއްވި އަމުރެއްގެ މައްސަލައިގައެވެ. އެމަނިކުފާނު ޖަލުގައި ހުންނަވައިގެން މިވަރުގެ ބޮޑު “ޓެރަރިޒަމް”ގެ ޢަމަލެއް ހިންގާނެ ގޮތެއް ޢާންމު އާދައިގެ އިންސާނެއްގެ ސިކުނޑިއަކަށް ފައިދާއެއް ނުވާނެއެވެ. މިއީ އަނެއްކާވެސް، ސަރުކާރުގެ ނުފޫޛުން ހިންގާ ޖަރީމާއެކެވެ.

އަޙްމަދު ފާރިސް މައުމޫނަކީ އިޞްލާޙަށް މަސައްކަތް ކުރައްވާ ރިފޯމިސްޓެކެވެ. އެންމެ ފުރަތަމަ ސަރުކާރުގެ ތެރެއިންނާއި ޕާޓީގެ ތެރެއިންނެވެ. ސަރުކާރަށް އެއްބާރުލުން ދެއްވައިގެން، ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ފަސާދައާއި ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވަން މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން، ޕާޓީ މެދުވެރިކޮށްވެސް ހަމަ އެމަސައްކަތް ކުރެއްވިއެވެ. އަޙްމަދު ފާރިސް މައުމޫން ހައްޔަރު ކުރައްވަން ރައީސް ޢަބްދުﷲ ޔާމީނަށް ޖެހިވަޑައިގަތީ، އަޙްމަދު ފާރިސް މައުމޫންގެ މަސައްކަތްޕުޅުގެ ސަބަބުން، ސަރުކާރުގެ ތެރެއިންނާއި ޕާޓީގެ ތެރެއިން، ސަރުކާރުގައި ތިބެ ކޮރަޕްޝަންގެ ޢަމަލު ހިންގާ ފަރާތްތަކަށް ޕްރެޝަރ ކުރިމަތިވުމުންކަން ޝައްކެއްނެތެވެ. އެމަނިކުފާނުގެ ކުށަކީ، ހުރިހާ ގޮތަކުންވެސް، ރައީސް ޢަބްދުﷲ ޔާމީނާއި އޭނާގެ ގާތުގައި ތިއްބެވި ‘ލީޑަރުން’ ނަށްވުރެ އަޙްމަދު ފާރިސް މައުމޫންގެ މަޤްބޫލުކަން ބޮޑުވުމެވެ.

އިޞްލާޙީ މަސައްކަތުގައި އެމަނިކުފާނު ހިންގެވި މަގަށް ތާއިދުކުރައްވާ އެތައް ހާސް ދިވެހި ރައްޔިތުންނެއް، ސާބިތުކަންމަތީ ތިއްބެވީތީ އަޙްމަދު ފާރިސް މައުމޫން އުފާ ކުރައްވައެވެ. އެއްވެސް އަނިޔާވެރިކަމަކީ އަބަދަށް ދެމިގެންދާނެ އަނިޔާވެރިކަމެއް ނޫނެވެ. މިކަން ނިމޭނޭ ދުވަސް އަންނާނެއެވެ. ދައުލަތުގެ މުއައްސަސާތައް ހިންގެވުމަށް ތިއްބެވި ބޭފުޅުން، މާތްﷲ އަށް ބިރުވެތިވެ، ޤާނޫނާއި ޢަދުލް އިންޞާފުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންގެ ވަޒީފާ އަދާކުރެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް