ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށް ފުލުހުން ވަދެ ފާސްކުރުން ކުށްވެރިކުރަން

ފާއިތުވީ ހަފްތާގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ އެތަން ފާސްކޮށްފައިވަނީ ދިއްދޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް ފުރައްސާރަކޮޮށް، ކައުންސިލްގެ ބާރުތައް ކަނޑުވައި ކަނޑައެޅިގެން ޤާނޫނުތަކާ ޚިލާފަށް ސިޔާސީ ބޭނުމެއްގައި ކަމަށްވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކުރަމެވެ.

ބަލަމުން އަންނަ މައްސަލައެއް ކަމަށް ބުނެ ކައުންސިލްގެ އިދާރާ ފާސްކޮށްފައިވީނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައިނުވާތީ މިއީ އެއްވެސް އުސޫލެއް ނެތި ސިޔާސީ ބޭނުމެއްގައި ހިންގާ ދެކޮޅު ނުޖެހޭ ކަމެއްކަން ވަރަށް ސާފުކޮށް އެނގެއެވެ.

ފާއިތުވީ ފަސްއަހަރުތެރޭ ސަރުކާރުގެ ޢަމަލުތަކުން ތަކުރާރުކޮށް ފެންނަމުން އަންނަނީ ލާމަރުކަޒީ ނިޒާމް ނައްތާލައި ކައުންސިލަރުންގެ ބާރުތައް ހަނިކޮށް ދައުލަތުގެ ހިންގުން މަރުކަޒީ ކުރަމުން އަންނަ މަންޒަރެވެ. ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނުތައް ބަދަލުކޮށް މުޅި ނިޒާމު މިވަނީ ގަޑުބަޑުކޮށްފައެވެ. އެއަށްފަހުވެސް ކައުންސިލްތައް ސަރުކާރުގެ ބާރުގެ ދަށަށް ނުގެނެވުމުގެ ސަބަބުން ޤާނޫނާ ޚިލާފަށް ކައުންސިލަރުން ސަސްޕެންޑްކޮށް އެ ކައުންސިލްތަކުގެ އިދާރާއާށްވެސް މިހާރު ވަންނަމުން އަންނަކަމީ ނުހަނު ކަންބޮޑުވާ ކަމެކެވެ.

ދިއްދޫ ރައްޔިތުންނާއި ކައުންސިލަރުންނަކީ އިސްލާޙީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ސާބިތުކަމާއެކު ފެށުނީއްސުރެ ތިބޭ ބައެއްކަން ފާހަގަ ކުރަމެވެ. އަދި ދައުލަތުގެ މިފަދަ ބިރުދެއްކުމަށް ފަހަތަށް ނުޖެހޭނެ ބައެއްކަންވެސް އަންނަނީ ދައްކުވައިދެމުންނެވެ. ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑްކޮށް ޖިނާޢީ ކުށުގެ ތުހުމަތުކޮށް މިފަދަ ކަންކަން ކުރުމުން ރައްޔިތުންގެ އެތައް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މިވަނީ ހުރަސްއެޅިފައެވެ. އެހެންކަމުން ސިޔާސީ ގޮތުން ހިންގާ މިފަދަ ނާތަހުޒީބު ކަންކަމުގައި ފުލުހުންވެސް ބައިވެރިނުވުމަށް އިލްތިމާސްކުރަމެވެ. އަދި ސަރުކާރުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅި، މުޅި ރާއްޖެއަށް އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުން ލިބިގެންދާނެ ކަމުގައި ތަކުރާރުކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ