މާލެ ސިޓީ ކައުންސިލަރ އަޒްރާ މޫސާގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލުން

މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާ އަނބުރާ ގެންގޮސް އެ ޝަރީޢަތް ހުއްޓާލުމަށް ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެެރެލަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ގޮވާލަމެވެ.

ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން އަޒްރާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރެލް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެެވެ.

27 ފެބްރުއަރީ 2018 ވަނަ ދުވަހު މަޖީދީމަގާއި ޖަނަވަރީ މަގު ކަންމަތީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބޭއްވި މުޒާހަރާއާ ގުޅިގެން ކައުންސިލަރު އަޒްރާގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ކުލަވަރު ޖެހިފައިވާ ދައުވާއެއް ކަމުގައި މި ޕާޓީން ދެކެމެވެ. އަދި އެ މުޒާހަރާ ހުއްޓުވައި ޤާނޫނާ ޚިލާފަށް ފުލުހުން ހުރަސްއަޅާފައިވާތީއާއި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ވަކިވަކި ފުލުހުންގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރެލްއަށް ޤާނޫނުން ލިބިދޭ ބާރުތަކުގެ ބޭނުންކުރައްވައިގެން ބެއްލެވުމަށް ގޮވާލަމެވެ.

ޤާނޫނު އަސާސީއާ ޚިލާފަށް ދައުލަތުން ހިންގާ ކަންކަމާ އިހްތިޖާޖްކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ހިނދު، އެ ޙައްޤުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެ އާންމު ރައްޔިތުންނާއި އަޒްރާ ފަދަ ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުން ކުރަމުން އަންނަ އަގުހުރި މަސައްކަތް ފާހަގަ ކުރަމެވެ. އަޒްރާއަކީ އިސްލާޙީ ޙަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި މަަސައްކަތް ކުރައްވާ ހިތްވެރުގަދަ ކައުންސިލަރެކެވެ. އަދި މިފަދަ ސިޔާސީ ދައުވާތަކުން ބިރުދައްކުވައިގެން އަޒްރާގެ އިސްލާޙީ މަސަައްކަތަށް ކުޑަބަދަލެެއްވެސް ނުގެނުވޭނެއެވެ. ސިޔާސީ ކަންމުގައި އަންހެނުންގެ ބައިވެރުވުން އިތުރުކުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައިވާއިރު، އަޒްރާއަކީ ލާމަސީލު މިސާލެއްވެސްމެއެވެ. އެހެންކަމުން އަޒްރާގެ މައްޗަށް ދައުވާކުރުމަށް ފޮނުއްވާފައިވާ މައްސަލަ އަނބުރާ ގެންދެވުމަށް ޕްރޮސެކިއުޓާ ޖެނެރެލް ޢާއިޝަތު ބިޝާމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ:އެމް.ޑީ.ޕީ