މާލޭގައި ދުވާލު މުދާ އުފުލުން މަނާކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ ނުތަވަސްކަމާމެދު ގުޅިފައިވާ ސިޔާސީ ޕާރޓީތަކުން ކަންބޮޑުވުން ފާޅުކޮށް ދެމެހެއްޓެނިވި އުސޫލުން ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލަމެވެ.
ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ފެނިގެން މިދަނީ މާލެ ތޮއްޖެއްސުމުގެ ސިޔާސަތުތަކެވެ. ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމަށް އިންތިޒާމްވަމުން އައި ކަންކަން ހުއްޓުވައި، މަރުކަޒުކޮށް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން މީހުން މާލެ އައުމަށް ގޮވާލައި، ދެ ދަންފަޅިއަށް ސްކޫލްތަކުގެ ކިޔެވުން ބަދަލުކޮށް، މާލޭގެ ބޮޑެތި މަގުތައް ބަންދުކުރުން ފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި މާލޭގެ ޓްރެފިކްގެ މައްސަލަތަކާއި، ސާފުތާހިރުކަން މިއަދު މިވަނީ ބޮއްސުންލައިގެންގޮސްފައެވެ.
އެއްވެސް ރޭވުންތެރިކަމެއް އަދި ދުރުރާސްތާ އަށް ވިސްނުމެއްނެތި ތޮއްޖައްސާފައިވާ މާލެއަށް ޙައްލު ހޯދުމުގެ ނަމުގައި،މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން އެވަނީ ކުއްލި ގޮތަކަށް މަނާ ކޮށްފައެވެ. އެކަން އެހެން ކުރުމުން ދުވާލުގަޑީގައި ޓްރެފިކް މައްސަލައަށްކޮންމެވެސް ވަރެއްގެ ވަގުތީ ލުޔެއް ލިބުނު ނަމަވެސް،އެ ކުއްލި ނިންމުމުގެ ސަބަބުން އާންމު އިޖްތިމާޢީ އެކިމައްސަލަތައް ކުރިމަތިވާނެއެވެ. އަދި، އެފަދަ ބޮޑެތި ނިންމުންތަކަށް އިރުއިރުކޮޅާ ބަދަލުތައް ގެނެސް ކުރިން ހެދުނު ގޯސްތައްރަނގަޅުކުރަން އެތައް ވަގުތަކާއި ފައިސާއެއް ހޭދަކުރަން ޖެހި ބޭކާރު ގޮތެއްގައި ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލާން ޖެހުމަކީ އޭގެ ސަބަބުން އެދެވޭ އެއްވެސް ނަތީޖާއެއް ލިބޭނޭ ކަމެއް ނޫނެވެ. އަދި ރައްޔިތުންގެ ދިރިއުޅުމަށް ލުޔެއް ލިބޭނޭ ކަމެއް ނޫނެވެ.
މުދާ އުފުލާ އަދި ވިޔަފާރިކުރާ ގަޑިތައް 24 ގަޑިއިރަށް ބަދަލުކުރުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި އިޖްތިމާޢީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ހައްދެއްނެތި މަސައްކަތް ކުރުމުގެ ވަގުތު އިތުރުކުރުމާއެކު އެކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢަށާއި ޢާޢިލާތަކަށްވެސް ކުރާނެއެވެ.
ދުވާލު އަތޮޅުތަކަށް ގެންދާ ކޮންޓޭނަރުތައް ހުސްކުރުމާއި، ރޭގަނޑު މާލެތެރެއަށް ގެންދާ ތަކެތި ހުސްކުރާން ޖެހުމުން މިހާރުވެސް ބުރަކޮށް މަސައްކަތް ކުރާ މަޖޫރީންގެ މަސައްކަތުގެ ވަގުތު އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ. އަދި ހަވީރު 6 ގެ ފަހުން މުދާ އުފުލާން ޖެހޭއިރު، ވެހިކަލްތައް ހޯދުމަށް ދަތިވެ، ހުސްކޮށްފައިވާ ކޮންޓޭނަރުތަކުގެ މުދާތައް ގެންދެވޭނެ ގޮތެއްނެތި މަސައްކަތްތެރިންނަށް އެތައް ބުރައަކާ ކުރިމަތިލާންޖެހޭނެއެވެ. އަދި ހަމަމިއާއެކު ކޮންޓޭނަރުތައް ހުސްނުކުރެވި ލަސްވުމުގެ ސަބަބުން އެމް.ޕީ.އެލްގައި ޖާގައިގެ ދަތިކަން މިހާރުވެސް ހުރިއިރު، އިތުރަށް ހުސްކުރަންޖެހޭ ކޮންޓޭނަރ ބޯޓުތަކަށާއި އެމްޕީއެލްއަށް އެތައް ދަތިތަކާ ކުރިމަތިވާނެއެވެ.
މުދާ އުފުލާ ގަޑިތަކަށް ގެނައި ކުއްލި ބަދަލުގެ ސަބަބުން ތަކެތީގެ އަގު އެތައް ގުނައަކުން ބޮޑުވާނެކަމަށް ބެލެވެއެވެ. ބަރަކާތްތެރި ރަމްޟާން މަސް ކުރިއަށް އޮތް އިރު، މިހާރުވެސް ތަކެތީގެ އަގު އުފުލިފައިވާކަން ފާހަގަ ކުރަމެވެ. ރޭގަނޑުގެ ވަގުތުތަކުގައި މުދާ އުފުލުމާއި ކަސްޓަމުން މުދާ ބޭރު ކުރަން ޖެހުމުގެ ސަބަބުން މުވައްޒަފުން އެގަޑިތަކުގައި މަސައްކަތްކުރާންޖެހި، ވިޔަފާރި ކުރުމުގެ އަގު ބޮޑުވެ ތަކެތީގެ އަގު އުފުލިގެންދާނެއެވެ. ހަމަމިއާއެކު ކުރިންވެސް ދެންނެވިފަދައިން މިކަމުގެ ސަބަބުން މަސައްކަތްތެރީންނަށް ޢާއިލާއާއެކު ހޭދަކުރާ ވަގުތަށް ބޮޑެތި ބަދަލުތަކެއް އަންނަން މެދުވެރިވާނެއެވެ. ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ މިފަދަ ބޮޑެތި ކަންކަމާ ގުޅޭގޮތުން ސަރުކާރުން ނިންމާ ނިންމުންތަކަކީ ޓްރަޔަލް އެންޑް އެރަރ އުޞޫލުން އެކްސްޕެރިމެންޓް ކުރުމުގެ ގޮތުން ހިންގާ ކަންކަމަށް ވެގެން ނުވާނެއެވެ. އެފަދަ ކަންކަން އެހެން ހިންގުމުގެ ނަތީޖާއަކީ، ރައްޔިތުންނަށް އެތަކެއް ދުއްތުރާތަކާ ތަކުލީފުތައް އުފުލަން ޖެހުމެވެ.
ހަމައެހެންމެ ޤާނޫނު އަސާސީގައި ދައުލަތް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ލާމަރުކަޒީ މުޅި ނިޒާމް ފުނޑުފުނޑުކޮށްލާ، އެކަމުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ހައްލެއްނުލިބި، މާލޭގެ ޓްރެފިކް ހައްލުކުރުމުގެ ނަމުގައި ވިސްނާލުމެއްނެތި މި ސަރުކާރުން މި ގެނެއި ބަދަލުގެ ސަބަބުން މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ތަކެތީގެ އަގުބޮދުވުމުގެ ތަކުލީފު އުފުއްލަން ޖެހުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ ހޭދަޔާއެއްކޮށް ތަކެތީގެ އަގު ބޮޑުނުވެނުދާނެއެވެ. އަގުބޮޑުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަމޭ ސަރުކާރުން ބުނިކަމުގައިވިޔަސް، ޤާނޫނީ އަދި އިގްތިސާދީ ނަޒަރަކުން ބެލިކަމުގައި ވިޔަސް އެފަދައައިން ބަޒާރުގެ އަގު ހިފެހެއްޓުމުގެ ބާރު ސަރުކާރަށް ލިބިފައިނުވެއެވެ.
މާލޭގެ ޓްރެފިކް މައްސަލަ ކުރިމަތިވާން މެދުވެރިވާ ސަބަބުތައް ދެނެގަނެ، ދެމެހެއްޓެނިވި އުސޫލުން ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި މާލެ ތޮއްޖެއްސުން ހުއްޓާލައިލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީކުރުމަށް އިސްކަން ދިނުމަށާއި، ރައްޔިތުންނާ ސީދާ ގުޅުން ހުރިމިފަދަ ބޮޑެތި ކަންކަމުގައިސަރުކާރުން ނިންމުންތައް ނިންމުމުގެ ކުރީން އާންމު ރައްޔިތުންނާއި، މަސައްކަތްތެރިންނާއި އަދި ވިޔަފާރިވެރިންނާ ހާމަކަން ބޮޑުގޮތެއްގައި މަޝްވަރާ ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސަރުކާރަށް ގޮވާލަމެވެ.
ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް