ފުލުހުންގެ މުއައްސަސާ ހަރާބުކުރުން ހުއްޓާލުމަށް ގޮވާލުން

މޯލްޑިވްސް ޕޮލިސް ސާވިސްއަށް މިއަދު 85 އަހަރު ފުރޭއިރު، މި މުހިއްމު މުވައްސާއަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާމެދު ފުންކޮށް ވިސްނަވައި، ޤާނޫނު އަސާސީގައިވާގޮތުގެމަތީން ސަލާމަތީ ޚިދުމަތްތަކުގެ މަސައްކަތްތައް ބައްޓަން ކުރުމަށް ދިވެހި ކޮންމެ ފުލުހަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިލްތިމާސްކުރަމެވެ.

ފުލުހުންގެ ޚިދުމަތްތައް ދިވެހިރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އިންތިހާއަށް ކަންބޮޑުވާ ކަންކަން މިއަދު މިއަންނަނީ ފެންނަމުންނެވެ. ފުލުހުންގެ މުއައްސަސާ މިއަދު ސިފަކުރެވެނީ އިންސާފުން އެއްކިބާވެ، ޤާނޫނީ އިމުން ބޭރުން ކަންކަން ކުރާ ސިޔާސީ ކުލަވަރު ޖެހިފައިވާ މުއައްސަސާއެއްގެ ގޮތުގައެވެ.

މުއައްސަސާގެ ކަންކަން ބައްޓަންކޮށް ކުރީސަފުތަކުގައި ތިއްބަވާ ސީނިޔާ އޮފިސަރުންގެ ޢަމަލުތަކުގެ ސަބަބުން މުޅި މުއައްސަސާ މިއަދު މިވަނީ ޚަރާބުވެފައެވެ. މީގެ ތެރޭގައި ޤާނޫނާ ޚިލާފަށް އާންމު ފުލުހުން މެދުވެރިކޮށް ކަންކަން ކުރުވުމާއި، ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، ހުތުރު ބަހުރުވައިން މުޢާމަލާތް ކުރުމާއި، އަނިޔާ ކުރުން ފަދަ ކަންކަމުގެ ސަބަބުން މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު މިވަނީ ގެއްލިފައެވެ. މީގެ އިތުރުން ހުވާކޮށްގެންތިބެ ދޮގު ހެކި ދިނުން ފަދަ ކަންކަމަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑެތި ފާފަކަން އެފަދަ ޢަމަލުތަކުގައި ބައިވެރިވާ ފުލުހުންނަށް ހަނދާންކޮށްދެމެވެ. އަދި އެފަދަ ކަންކަން ކުރާ ވަކިވަކި ފުލުހުން ފާހަގަކޮށް އެ ފުލުހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމުގައި ދަންނަވަމެވެ.

ފުލުހުންގެ މުއައްސަސާއަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުހަނު ބޭނުންތެރި އަދި މުހިއްމު މުއައްސަސާއެކެވެ. އެހެންކަމުން އެ މުއައްސަސާގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަކީ ދިވެހި ކޮންމެ ފުލުހެއްގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ. ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ޙައްލުކުރުމަށް ހުރަސްނޭޅުމަށާއި، ޤާނޫނުގައިވާގޮތުގެމަތީން ފުލުުހުންގެ ޤައުމީ ވާޖިބު އަދާކުރުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް