ޔޫރަޕްގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޙައްމަދު ނަޝީދު މިއަދު ފުރާވަޑައިގަންނަވައިފި

ރަައީސް މުޙައްމަދު ނަޝީދު ޔޫރަޕްގެ ބައެއް ޤައުމުތަކަށް ދަތުރު ކުރެއްވުމަށް މިއަދު ކޮލޮމްބޯއިން ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތާއި ސްވިޓްޒަރލަންޑް އަދި ޑެންމާކް އަށް ދަތުރުފުޅު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އެޤައުމުތަކުގެ ސަރުކާރުތަކާއި އަދި އެޤައުމުތަކުގައި ހުންނަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި، ރާއްޖޭގައި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިޚާބަކަށް ހެދުމަށް މަސައްކަތްކުރާއްވާނެއެވެ. މީގެ އިތުރުން، ނުޙައްޤުން ޖަލަށްލާފައިވާ ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް އެޤައުމުތަކުން ކުރެވެން ހުރި ކަންކަން ކުރެއްވުމުގެ މަޝްވަރާތައްވެސް އެފަރާތްތަކާއެކު ކުރައްވާނެއެވެ.

ޔޫރަޕްގެ އިއްތިހާދުންވަނީ، ދިވެހި ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާތައް ދެނެގަނެ، ސަރުކާރުގެ އިސް ފަރާތްތަކަށް ޓާގެޓެޑް ސެންކްޝަންސް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.