ޣައިރު ޤަނޫނީ އުސޫލުން އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެ ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ހުރަސް އެޅުން ކުށްވެރިކުރުން

ޤާނޫނު އަސާސީއާ ޚިލާފަށް ކުއްލި ކުރައްކަލުގެ ޙާލަތު ޢިއުލާންކުރުމަށްފަހު އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ޢަދުލު އިންސާފުގެ ބާރުގެ މައްޗަށް ސަރުކާރުން ވެރިވެގަނެ، ރައްޔިތުންގެ މަޖިލިސް ހިޞާރުކޮށްގެން 45 ދުވަހުގެ ތެރޭގައި މުޅި ދައުލަތް ގަޑުބަޑު ކުރުމަށް ފަހު، ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަށް ފަހުވެސް މިދިޔަ ހަފްތާތަކުގެ ތެރޭގައި އިއުލާންކުރި ޣައިރު ޤަނޫނީ އުސޫލުތަކުގެ ބޭނުންކޮށްގެން އެމްޑީޕީ ހަރުގޭގައި ހުކުރު ދުވަހުގެރޭ އޮތް ސުލްޙަވެރި ސިޔާސީ ޙަރަކާތް ރޫޅާފައިވުމުން އެ ޙާލަތު އަދިވެސް އުވާލާފައި ނުވާކަން ހާމަވެއެވެ. އަދި ކޯޓު އަމުރެއް ނެތި ފުލުހުން އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ، އެތަނުގެ މުދަލަށް ގެއްލުންދީ އަތަނުގައި ކުރިއަށް ދިޔަ ސިޔާސީ ޙަރަކާތަށް ހުރަސް އަޅާފައިވާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ހުކުރު ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިޒާމްކުރި ޖަލްސާ 10.30 ވުމާއެކު ފުލުހުން ރޫޅާލުމުގެ ޤާނޫނީ ބާރު ފުލުހުންނަށް ލިބިގެން ނުވެއެވެ. އަދި އެމްޑީޕީ ހަރުގެއަށް ވަދެ، ވާހަކަ ދައްކަވަމުން ގެންދެވި ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާ ހައްޔަރުކޮށް، ހަރުގެއިން މީހުން ބޭރުކޮށް، އެތަނުގައި ހުރި ސައުންޑް ކަނޑާލުމަށް އަމުުރު ކުރުމުގެ ބާރުވެސް ފުލުހުންނަށް ޤަނޫނުން ލިބިނުދޭކަން ފާހަގަ ކުރަމެވެ.

ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރާންވާނީ އަދި އެ ތަންތަނުން ހިންގާ ހުރިހާ ކަމެއްމެ ހިންގާންވާނީ ޤަނޫނު އަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ޖަވާބުދާތީވަނިވި ގޮތެއްގައި ކަމަށާއި، ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދީ ޤަނޫނު ނެގެހެއްޓުމަކީ ފުލުހުންގެ ޤަނޫނީ ޒިންމާއެއް ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމަމިއާއެކު ފލުހުންގެ ޢަމަލުކުރާންވާނީ ރައްޔިތުންގެ މެދުގައްޔާއި ޖަމާޢަތްތަކުގެ މެދުގައި ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު އިސްލާމީ ރިވެތި އަޚްލާޤާއި އިންސާނީ ޝަރަފާއި މީހުންގެ ޤަދަރަށް ޙުރުމަތްތެރިކޮށް ހިތައިގެން ކަމަށްވެސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. ވީމާ މި ގޮތުގެ މަތީން ފުލުހުންގެ ޢަމަލުތައް ބެހެއްޓުމަށް ގޮވާލަމެވެ. އަދި މި ޕާޓީގެ ހަރުގެއަށް ވަދެ އެތަނުގައިވާ މުދަލަށް ގެއްލުންދޭ ފުލުހުން ފާހަގަކޮށް އެފަރާތްތަކާ މެދު ޤަނޫނީ ފިޔަވަޅު އެޅުމަށް ހުށަހަޅާނެ ކަމުގައި ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ