1 ފެބްރުއަރީ 2018 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 5 ފަސް ފަނޑިޔާރުން ނިންމަވައި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ކުރެއްވި ޙުކުމް ތަންފީޒުކުރުމަށް ދިވެހި ސަރުކާރަށާއި މުވައްސަސާތަކަށް ލޯކަލް ކައުންސިލްތަކުން ގޮވާލުމުން 13 ކައުންސިލަރެއް މިހާރު ސަސްޕެންޑްކޮށްފައިވާތީ އެލް.ޖީ.އޭގެ މި ނާތަހުޒީބު ޢަމަލު އެންމެ ހަރު އަޑުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކުރަމެވެ.
ކައުންސިލަރުންނަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނެވެ. ސަރުކާރުން ނުރުހޭ ކަމެއް ފެންނަ ކޮންމެ ހިނދަކު އެލް.ޖީ.އޭ މެދުވެރިކޮށް ސަސްޕެންޑްކޮށް، ކައުންސިލްތައް އުވާލައި، ކައުންސިލަރުން މަޤާމުން ވަކިކުރުމުގެ ބާރު ދައުލަތުގެ އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. މިފަދަ ނާތަހުޒީބު ޢަމަލުތަކަކީ ސިޔާސީ ގޮތުން ބަލިކަށި، ރައްޔިތުންގެ ތާޢީދު ނެތް، ޤާނޫނަށް ބޯނުލަނބާ ޚުދުމުހުތާރު ސަރުކާރުތަކުން ކުރާ ކަންކަމެވެ.
ދައުލަތް ގަޑުބަޑުކުރުމަށް ޢަބްދުﷲ ޔާމީން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވައި ދިވެހިރާއްޖެ ހަމަމަގަށް ގެނައުމުގެ މަަސައްކަތްތައް ކުރުމަކީ ކައުންސިލަރުންގެ ޤާނޫނީ ޒިންމާއެކެވެ. ޚުދުމުހުތާރުވެރިކަން އިއާދަވެ، ދައުލަތް ގަޑުބަޑުވެ، ކޮރަޕްޝަނާއި ވައްކަން އިންތިހާއަށް ބޮޑުވެ، އެއިން އެއްވެސް ކަމެއް ތަޙްޤީޤްނުކޮށް އެކަމާ މެދު ބަސްބުނާ ކޮންމެ މީހަކު ޖަލަށްލަމުން ގެންދިއުމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހެނީ އާންމު ރައްޔިތުންނެވެ. އަތްފޯރާ އަގުގައި ދޭން ބުނެ ވައުދުވި ފްލެޓްތައް އޭގެ ޙައްޤުވެރިންނަށް ނުދީ، ރަށްރަށުގެ ފެނާއި ނަރުދަމާ އަދި ކުނި ނައްތާލުމުގެ މަޝްރޫޢުތައް ނުނިމި ލަސްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން ފެތުރިފައިވުމެވެ. ވަކި ބަޔަކަށް ސިޔާސީ މަންފާއެއް ނުލިބޭނަމަ މިނިވަންކަމާއެކު ވިޔަފާރި ކުރުމުގެ ފުރުޞަތު ނަގާލައި، ރައްޔިތުންގެ މުދާ ވިއްކަމުންދަނީ ހަމައެއް ލަމެއްނެތިއެވެ.
މިފަދަ ކަންކަން ޙައްލުނުވެ ދިގުލައިގެންގޮސް ދިވެހިރާއްޖެ މިވަނީ ޚުދުމުހުތާރުކަމުގައި ތާށިވެފައެވެ. ލާމަރުކަޒީ ނިޒާމު ފުނޑާލައި، ކައުންސިލަރުންގެ ބާރުތައް ނަގައި މަރުކަޒީ އުސޫލުން ސަރުކާރު ހިންގުމުގެ ސަބަބުން ރައްޔިތުންގެ ބާރުވެެރިކަމަށް ސަރުކާރުން މިވަނީ އަރައިގެންފައެވެ. މިކަމާ ދެކޮޅަށް ކައުންސިލްތަކުން ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާނުލައްވައި ދައުލަތް ގަޑުބަޑުކުރުން ހުއްޓުވުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވުމަށް ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ