އެމް.ޑީ.ޕީ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް އާ މެދު ފުލުހުން ޢަމަލުކުރަމުން އަންނަ ގޮތް ކުށްވެރިކުރަން

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 16 މާޗްގައި ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށް އަދި އެމަނިކުފާނާ މެދު ފުލުހުން ޢަމަލުކުރަމުން އަންނަ ގޮތް އެންމެ ހަރު އަޑުން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކުރަމެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙް އަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިސްނަންގަވަައިގެން ހިންގާ ޙަރަކާތްތަކުގައި އެންމެ އިސްދައުރެއް އަދާކުރައްވައި، ދިވެހި ރާޢްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ކެނޑިނޭޅި އެ މަސައްކަތް ކުރައްވަމުންގެންދަވާ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާހުރި އެއް ސިޔާސީ ލީޑަރެވެ. އެހެންކަމުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ކަނޑައެޅިގެން އިސްލާޙީ މަަސައްކަތްތަކަށް ހުރަސްއެޅުމަށްކަމުގައި މި ޕާޓީން ދެކެމެވެ.

16 ވަނަ ދުވަހުގެރޭ އިބްރާހީމް މުޙައްމަދު ޞާލިޙް ހައްޔަރުކުރުމާއެކު ޢާއިލާގެ ފަރާތުންވަނީ ދާއިމީ ހިތުގެ ބައްޔަށް ބޭނުންކުރައްވާ ބޭހާއި އަންނައުނު ހޮނިހިރުދުވަހު ހެނދުނު ފުލުހުންނާ ޙަވާލުކޮށްފައެވެ. އެެހެންނަމަވެސް މި ތަކެތި ޙަވާލުކުރުމަށް އެތައް އުނދަގޫތަކާ ކުރިމަތިވެ، އާދީއްތަ ދުވަސްވީިއިރުވެސް އަންނައުނާއި ބޭސް އަމަނިކުފާނަށް ލިބިވަޑައިގެންފައިނުވެއެވެ. މީގެ އިތުރުން ގޮަދަޑިއެއް ދިނުމަށް ދޫނިދޫގައި ހުންނަވާ ޑޮކްޓަރު ފުލުހުންނަށް އަންގަވާފައިވީނަމަވެސް ގޮަދަޑިއެއް ފުލުހުން ފޯރުކޮށްދީފައިނުވެއެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙް އާ ޙަވާލުކުރުމަށް ޢާއިލާއިން ފޮނުވި އަންނައުނު އާދީއްތަ ދުވަސްވީއިރުވެސް ލިބިވަޑައިގެންފައިނުވާތީވެ، ބޭނުންކުރައްވަމުން ގެންދަވަނީ 16 ވަނަ ދުވަހުގެރޭ ޕެޕާސްޕްރޭވެސް ޖަހާފައިވާ ހެދުމެވެ. އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނަވަނީ ވަކިން ހުންނަ ގޮޅިއެއްގައެވެ. އެއީ ކޮންމެ ދުވަހަކު ހެނދުނު 9 ން މެންދުރު 3 ޖަހަންދެން އަވިދޭ ތަނަކަށްވެފައި އެތަނުގައި ހުރި ފަންކާ މަސައްކަތް ނުކުރާތީ ގޮޅި ވަރަށް ހޫނު ގަދައެވެ.

ޣައިރު ޤާނޫނީ އުސޫލުން ސިޔާސީ ވެރިންނާއި އާންމު ރައްޔިތުން ހައްޔަރުކޮށް ލާއިންސާނީ ރަހުމްކުޑަ ގޮތަށް ފުލުހުން އާންމުކޮށް ޢަމަކުރަމުން އަންނަކަމީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ. ފުލުހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ކޮންމެ ފުލުހެއްގެ ޤާނޫނީ ޒިންމާއެކެވެ. އަދި އެއީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ޙައްޤެކެވެ. ”މަތިން“ އަންގާ ގޮތް ކަމަށް ބުނެ ވަކިވަކި ފުލުހުންނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރުމަށް ފަސްނުޖެހުމަށް ގޮވާލަމެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޢައިލާއިން ޙާވާލުކޮށްފައިވާ ތަކެތި އެމަނިކުފާނަށް ލިބޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސަައިދިނުމަށާއި, ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކާމެދު އޯގާތެރިކަމާ، އިޙްތިރާމާއެކު ޢަމަލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސްކުރަމެވެ. އިސްވެދެންނެވުނު ކަންކަން ބެލުމަށާއި، ފުލުހުންގެ ޣައިރު ޤާނޫނީ ޢަމަލުތައް ތަޙްޤީޤްކޮށް، މިފަދަ ކަންކަން އިސްލާޙްކުރުމަށް ދައުލަތުގެ މުވައްސަސާތަކަށް ހަރު އަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ