ދިވެހި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ޙާލަތްތަކުގައި ފުލުހުން އިހުމާލުވާތީ ކަންބޮޑުވުން ފާޅުކުރުން!

މ. ވީނަސްގޭ ފަސްވަނަ ފަންގިފިލާއިން ޒުވާނަކު ވެއްޓި މަރުވި ޙާދިސާގައި ތަނުގެ ވެރިފަރާތުން ތަކުރާރުކޮށް އެދެމުންދިޔައިރުވެސް ކޯޓު އަމުރެއް ނެތްކަމަށް ބުނެ އެ ޙާދިސާ ހުއްޓުވުމަށް ފުލުހުން އިންކާރުކޮށްފައިވާކަމަށް މީޑިޔާގައި އާންމުވެފައިވާ މައުލޫމާތުގެ އަލީގައި ހާމަވެފައިވާތީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިހާއަށް ކަންބޮޑުވަމެވެ. ކުށުގެވެށި ހާމަކޮށް ފެންނަން އޮތުމާއި އަދި ތަނުގެ ވެރިފަރާތުން ތަކުރާރުކޮށް އެކަން ހުއްޓުވަން އެދެމުންދިއުމާއެކުވެސް ފުލުހުން މި މައްސަލާގައި އަމަލުކޮށްފައިވާގޮތުން ރައްޔިތުންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދީ އަމާންކަން ޤާއިމްކުރުމުގައި ފުލުހުން ބޮޑުތަނުން އިހުމާލުވެ ޕްރޮފެޝަނަލް މިންގަނޑުތަކުން ވީއްލިފައިވާކަން ސާބިތުވެއެވެ.

ޤާނޫނު ނަންބަރު 3/2012 ‘ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު’ގެ 10 ވަނަ މާއްދާ އާއި 11 ވަނަ މާއްދާގައި މިފަދަ މައްސަލައެއް ރިޕޯޓުކުރެވިއްޖެ ނަމަ އެކަމަށް ވަގުތުން ފިޔަވަޅުއެޅުމަށް ފުލުހުންގެ މައްޗަށް ލާޒިމުކޮށް، އެކަން ބަލާނެ މިންގަނޑުތަކާއި އެކަން ހިންގާނެ އުސޫލު ބަޔާންކޮށްފައިވާއިރުވެސް، އަޅާނުލާ ދޫކޮށްލުމުގެ ސަބަބުން ޒުވާނެއްގެ ފުރާނަ ގެއްލިގެންދިޔުމަކީ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ދައުލަތުގެ ތެރޭގައި ޤާއިމުވެފައި ހުންނަންވާނެ އެކަށީގެންވާ އިންތިޒާމު ހަމަޖެހިފައި ނުވާކަން އަންގާދޭކަމެކެވެ. އެހެންކަމުން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭކާރުގޮތުގައި އިސްރާފުކޮށް ވައްކަމާއި ފަސާދައިގެ ތެރެއިން ހުސްކޮށްލުމުގެ ބަދަލުގައި މިފަދަކަންކަމަށް ހޭދަކޮށް މުވައްޒަފުންތަމްރީނުކޮށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރަން ޖެހޭކަމުގައިވެސް ގުޅިފައިވާ ޕާޓީތަކުން ފާހަގަކުރަމެވެ.

ހަމައެއާއެކު ޤާނޫނާ ޚިލާފަށް ކުއްލިނުރައްކަލުގެ ޙާލަތު އިއުލާންކޮށް، އެކަމަށް ކަނޑައެޅި މުއްދަތުވެސް ފާއިތުވެފައިވާއިރު، ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންކަމަށްބުނެ، ޝަރުޢީ ކޯޓުގެ ބަހަކާނުލާ ވާދަވެރި ސިޔާސީ ފަރާތްތައް ހައްޔަރުކޮށް ތަފާތު އެކި ގޯނާކުރަމުންދާ ދަނޑިވަޅެއްގައި ދިވެހި ޒުވާނުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ މިފަދަ ދަނޑިވަޅުތަކުގައި ޤާނޫނީ އެއްވެސް ހުއްޖަތެއްނެތި އެކަމާމެދު އެކަށީގެންވާ ފިޔަވަޅުއަޅާ އެކަން ހުއްޓުވުމުގެ ޤާނޫނީ ޒިންމާއިންރެކިގަތުމަކީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ރަނގަޅަށް ހާމަވާކަމެކެވެ. އަދި އެހެންމެ ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ އަޅާފައިވާ އަދި މިހާރުވެސް އަޅަމުންގެންދާ ޣައިރުޤާނޫނީ ފިޔަވަޅުތަކަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ޤައުމުގެ ސުލްޙަވެރިކަމާއި އަމާންކަން ޤާއުމުކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތެކެއް ނޫންކަން އެއްވެސް ޝައްކެއްނެތް މިންވަރަށް މިފަދަ ކަންކަންމުން ސާބިތުވާކަމުގައިވެސް ދެކެމެވެ.

އެހެންކަމުން ސަރުކާރުގެ ސިޔާސީ ނުފޫޒަށް ޖާގަދީ، ޤާނޫނުގެ ތެރެއިން މަތިކޮށްފައިވާ ޒިންމާދޫކޮށް، ސިޔާސީ ފަރާތްތައް މައިތިރިކޮށް، އަނިޔާވެރިކަމާއި ވައްކަމާއި ފަސާދަ އާ ދެކޮޅަށް ސުލްޙަވެރިކަމާއެކު ޝުޢޫރު ފާޅުކުރާ އާންމު ރައްޔިތުންނަށް އަނިޔާކުރުމުގެ ބަދަލުގައި، ޤާނޫނުގައި ކަނޑައަޅާފައިވާ އިމުގެ ތެރެއަށްވަދެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ ފުރިހަމަގޮތުގައި އަދާކުރުމަށް ސަލާމަތީ ޚިދުމަތްތަކަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ. އަދި މި ޙާދިސާގައި އިހުމާލުވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް މިފަދަ ޙާދިސާތައް ތަކުރާރުނުވާނެހެން މުއައްސަސާތަކުގެ ކަންކަން އިންތިޒާމުކުރުމަށްވެސް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް