ކަނޑިތީމު ދާއިރާގެ ރައީސް ޢަބްދުﷲ ޝަހީމްގެ ބޭސްފަރުވާއަށް ހުރަސްއެޅުމަކީ ޓޯޗާގެ ޢަމަލެއް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޤައުމީ މަޖިލިސް މެންބަރު، ކަނޑިތީމު ދާއިރާގެ ރައީސް ޢަބްދުﷲ ޝަހީމް 16 ފެބްރުއަރީގައި ހައްޔަރުކުރުމަށްފަހު ޑޮކްޓަރުންގެ ލަފަޔާ އެއްގޮތްވާގޮތުގެމަތީން އޭނާއަށް މިހާރުން މިހާރަށް ބެނުންވާ ފަރުވާ ފޯރުކޮށްދިނުމަށް ފުލުހުން ހުރަސްއަޅަމުންގެންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ލިބޭ ބާރުން ކަމަށް ބުނެ އޭނާ ޣައިރު ޤާނޫނީ އުސޫލުން ހައްޔަރުކޮށް އަދި ބޭސްވަރުވާއަށް ހުރަސްއަޅައި، ލާއިންސާނީ އަނިޔާ ދެމުންގެންދާތީއެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ. ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ފުލުހުންގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެއްކަަން ފުލުހުންނަށް ހަނދާންކޮށްދެމެވެ.

16 ފެބްރުއަރީގައި އެމްޑީޕީ ހަރުގެ ކައިރިން ޝަހީމް ހައްޔަރުކުރުމުގައިވެސް މީގެ ކުރިން އޭނާގެ ކަކުލަށް ލިބިފައިވާ ބޮޑު އަނިޔާއަށް އިތުރަށް އަނިޔާ ލިބި، ބަންދުކުރުމަށްފަހު ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އާއިލާއިން ތަކުރާރުކޮށް އެދުނުނަމަވެސް އެކަން ހަމަޖައްސައިނުދިނުމުގެ ސަބަބުން ކުރިން ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެ، މިހާރު ޑޮކްޓަރުން ލަފާދީފައިވަނީ ވީހާވެސް އަވަހަށް ސާޖަރީ ހެދުމަށެވެ. އެހެންކަމުން ސާޖަރީ ހެދުމަށް މިއަދު ހަމަޖެއްސުމާއެކު، ފުލުހުންގެ ފަރާތުން ޔޫސުފް ހުސައިން ޢައިލާއަށް އަންގާފައިވަނީ މިއަދު ޝަހީމް ޑޮކްޓަރަށް ދެއްކުމުން އޮޕަރޭޝަން ކުރުމަށް އެޑްމިޓް ކުރަންޖެހޭނެ ކަމަށާއި، އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ”މަތިން“ ކަމުގައެވެ. އަދި އާއިލާއަށް އެންގުމަކާނުލައި މިހާރު ޝަހީމްވަނީ އަނބުރާ ދޫނިދޫއަށް ގެންގޮސްފައެވެ.

ޝަހީމްގެ ބޭސްފަރުވާގެ ކަންކަން ފުލުހުން ހަމަޖައްސައިނުދީ ލަސްކުރަމުންގެންދާތީ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް މިހާރުވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި ބޭސްފަރުވާ ހަމަޖައްސައިދިނުމަށް މިއަދާ ހަމައަށް ޢާއިލާއިން 5 ސިޓީ ފޮނުވާފައިވާއިރު އެކަމާ ގުޅޭ ގޮތުން އެއްވެސް ސިޓީއަކަށް ފުލުހުން ޖަވާބުދީފައިނުވެއެވެ.

ދައުލަތުގެ މުވައްޒަފެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހަކަށް ގަސްދުގައި ތަދު ނުވަތަ ވޭން އިޙްސާސްކުރުވައި އޭނާއަަށް ބަލިކަށިކަން ގެނުވައި ހަށިގަނޑުގެ ގުނަވަނެއް މަސައްކަތްކުރަން ޖެހޭގޮތަށް މަސައްކަތް ނުކުރާ ގޮތް ހެދުމަށް ކުރާ ކޮންމެ ކަމަކީ ޓޯޗާ ކަމުގައި އެންޓި ޓޯޗާ އެކްޓުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެއްވެސް މީހަކަށް ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެން ނުވާނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބޭ ފަދަ ގޮތަކަށް ޢަމަލުކޮށްގެން ނުވާނެ ކަމަށް ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާހިނދު، ޝަހީމަށް ލިބެން ޖެހޭ ބޭސްފަރުވާ ނުދީ، އެނާއަށް ވޭން ލިބޭ ގޮތަށް ބިޑި އަޅުވައިގެން، ހިނގާފައި ގެންގޮސް އަދި ޑޮކްޓަރުން ދީފައިވާ ލަފަޔާ ޚިލާފަށް އޭނާގެ ބޭސްފަރުވާއަށް ހުރަސްއަޅަމުން ގެންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ. އަދި މިކަމުގައި ޝާމިލްވާ ވަކިވަކި ފުލުހުންނާމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށާއި، އޭނާގޭ ސާޖަރީގެ ކަންކަން މިހާރުން މިހާރަށް ހަމަޖައްސައިދިނުމަށް ފުލުހުންނަށް ގޮވާލަމެވެ. އަދީ ހަމަމިއާއެކު ޝަހީމްގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ދައުލަތުވެ މުވައްސަސާތަކަށްވެސް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ