މާލޭގައި ހަމަނުޖެހުން އުފައްދާކަމަށް ބުނެ ފުލުހުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަން ކުށްވެރިކުރަން

މާލޭގައި ހަމަނުޖެހުން އުފައްދައި، ތަންތަން ރޯކޮށް، އަމަން ނަގާލައި، ރައްޔިތުންނަށާއި މުދަލަށް ގެއްލުން ދިނުމަށް ރާވާކަމަށް ބުނެ އެއްވެސް ހެއްކެއް ނެތި، މި ޕާޓީގެ ޤައުމީ މަޖިލިހުގެ މެންބަރުންނާއި އެކިއެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހައްޔަރުކުރަމުންގެންދާތީ އެކަން އެންމެ ހަރުއަޑުން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކުށްވެރިކޮށް ދޮގު މައުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސް ކުރަމެވެ.

ބުރާސްފަތިދުވަހުގެރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ރައްޔިތުންނަށް ކަނޑައެޅިގެން އޮޅުވާލުމަށް ސާބިތުނުހިފޭ ދޮގު މައުލޫމާތު ހާމަކުރަމުންގެންދަނީ މި ޕާޓީއާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދައި މުޖުތަމަޢުގައި ބިރުވެރިކަން އުފެއްދުމަށެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ނުހަނު ބާރު އަޅާ ޕާޓީއެކެވެ. ދިވެހިރާއްޖޭގެ ބިކަވަމުން މިއަންނަ ސިޔާސީ ނިޒާމް ހަމަމަގަށް އެޅުވުމަށް މި ޕަޓީގެ މެންބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަންނަނީ ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންނެވެ. އާންމު ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުތައް ބޭނުންކުރުމުގެ ފުރުޞަތި ދިވެހި ފުލުހުން ފަހިކޮށްދޭންޖެހޭނެއެވެ.

އެހެންނަމަވެސް ވަކިބައަކަށް ސިޔާސީ މަންފާ ޙާސިލްކޮށްދިނުމުގެ ގޮތުން މުޅި މުވައްސަސާގެ މުސްތަޤިއްލުކަން ގެއްލި، ދިވެހި ފުލުުހުންގެ މުވައްސަސާގެ އަގު މިވަނީ ވެއްޓިފައެވެ. ސަރުކާރު ހިންގާ ފަރާތްތަކުން އެދޭހާ ކަންކަން ކޮށްދިނުމަށް ހެއްކާއި ގަރީނާ ނެތި، ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަކުގެ މައްޗަށް ދޮގު ތުހުމަތުތައްކުރަމުންގެންދާތީ މި ޕަޓީން ކަންބޮޑުވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ފުލުހުންގެ މުވައްސަސާއަށް ކުރާ އިތުބާރު މިވަނީ ގެއްލި، އަމަން އަމާން ކަމަށާއި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިފައެވެ.

ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތަކަށް ފުލުހުން ހުރަސް ނޭޅުމަށް ތަކުރާރުކޮށް އިލަތިމާސްކުރަމެވެ. އަދި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރުމަށާއި، ފުލުހުންގެ މުވައްސަސާއިން ހަމަހަމަކަމާއެކު އާންމުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ގޮވާލަމެވެ. އަނިޔާ ނުކުރުމަށާއި، ދޮގު މައުލޫމާތު ފަތުރައި މި ޕާޓީގެ ޤައުމީ މަޖިލިހުގެ މެންބަރުންނާއި އެކިއެކި މަޤާމުތަކުގައި ތިއްބެވި ބެފުޅުން ބޮލުގައި ދޮގު އިލްޒާމްތައް އެޅުވުން ހުއްޓާލުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ