އެމްޑީޕީގެ ހަރުގޭގައި ހުރި އެޕާޓީގެ މުދަލަށް ފުލުހުން ގެއްލުން ދިނުމުގެ މައްސަލަ އެޕާޓީން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުން

ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ހުކުމް ތަންފީޒުކޮށް ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުން ބާއްވަމުން ގެންދާ ސިލްސިލާ އެއްވުމުގެ ތެރެއިން 3 މާޗްގައި އެމްޑީޕީގެ ހަރުގެ ކައިރީގައި ކުރިއަށް ދިޔަ އެއްވުން ރޫޅާލުމަށް ހަރަކާތްތެރިވި ބައެއް ފުލުހުން އެމްޑީޕީގެ ހަރުގެއަށް ވަދެ އެޕާޓީގެ މުދަލަށް ގެއްލުންދީފާވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިމައްސަލަ ވަނީ މިއަދު ހުށަހަޅާފައެވެ.

އެމްޑީޕީގެ ޗެއަރޕަރސަން އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވި ގޮތުގައި، ގާނޫނާ ޚިލާފަށް ސުލްހަވެރި ސިޔާސީ އެއްވުން ހުއްޓުވާ ޕާޓީގެ މުދަލަށް ގެއްލުންދޭ ފަރާތްތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެޕާޓީން ހުށަހަޅަމުން ގެންދާނެއެވެ. އަދި މިފަދަ ޣައިރު ޤާނޫނީ އަމަލު މިހިންގަނީ ފުލުހުންގެ ތެރެއިން މަދު އޮފިސަރުންތަކެއްކަމަށާ، ގިނަ ފުލުހުންނަކީ ޤާނޫނަށް ލޯބިކުރާ ޒިންމާދާރު ބައެއް ކަމުގައި އެމްޑީޕީގެ ޗެއަރޕަރސަން ފާހަގަކުރެއްވިއެވެ. އަދި މަދު ފުލުހުންގެ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން އިޚްލާސްތެރިކަމާއެކީ ޚިދުމަތް ކުރަމުންދާ ފުލުހުންގެ ނަން ކިލަނބުވެގެންދާތީ ހިތާމަކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.