ފުލުހުންގެ ސައްޙަ ތަފާސް ހިސާބު ހާމަކުރުމަށް ގޮވާލުން

5 ފެބްރުއަރީ 2018 ވީ ހޯމަ ދުވަހު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤާނޫނުއަސާސީއާއި ކަނޑައެޅިގެން ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރައްވައި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ވަނީ ކަނޑުވާލާފައެވެ. މިއަދަކީ، ޤާނޫނުއަސާސީއާ ޚިލާފަށް އިސްވެ ދެންނެވި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރިތާ 1 މަސް ދުވަސް ފުރުނު ދުވަހެވެ. އެ ޣައިރުޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރޭގައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އެއްވެސް އަސާސެއް ނެތް ގޮތުގައި އެތަކެއް ބަޔަކު ރަހީނުކޮށް އެމީހުންނަށް ޤާނޫނުއަސާސީން ލިބިފައިވާ ގިނަ ޙައްޤުތަކެއް ނިގުޅައިގެންފައެވެ. އަދި ފުލުސް އޮފީހުގެ ތަފާސް ހިސާބުތައް ހާމަކުރުމުގައި ރައްޔިތުންނަށް އޮޅޭގޮތަށް އެހިސާބުތައް ދަނީ ހާމަކުރަމުންނެވެ.

ޣައިރުޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި އެކިއެކި އިހުތިޖާޖުތަކުން ޖުމްލަ 48 މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން 47 މީހުން ދޫކޮށްލާފައިވާ ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވާ ޓްވީޓަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކޮށްފައިވާ ޓްވީޓެކެވެ.

ޤާނޫނުއަސާސީއާ ޚިލާފު ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ ޖުމްލަ ޢަދަދަކީ 110 އެވެ. އޭގެ ތެރެއިން ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރި މީހުންގެ ޢަދަދު މިވަނީ 36 އަށް އަރާފައެވެ. އެ 36 މީހުން މިހާރުވެސް ތިބީ ބަންދުކޮށް ރަހީނުކޮށްފައެވެ. އޭގެތެރެއިން ދޫނިދޫގައި 34 މީހަކު ބަންދުކޮށްފައި އެބަތިއްބެވެ. އަދި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި އެކަކު ހައްޔަރުކޮށްފައިވާއިރު، ގޭބަންދުގައި ވެސް އެކަކު އެބަހުއްޓެވެ. ފުލުހުންގެ އެކިއެކި ލިޔެކިޔުންތަކުގައި އެމުއައްސަސާގެ ބެލުމުގެ ދަށުގައިވާ މީސްމީހުންނާ ގޮޅޭ ގޮތުން ޢާންމުކުރާ މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ހާމަ ކުރަމުންދާ ކަމީ މިޕާޓީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެފަދަ ކަންކަން އެމޭރުމުން ނުކުރުމަށް ރައީސް ޔާމީނަށާއި ފުލުހުންގެ މުއައްސަސާއަށް ގޮވާލަމެވެ.

އެކިއެކި ކުށްކުށުގައި ހައްޔަރުކޮށް ބަންދުކުރެވޭ މީހުނަށް ލިބެންޖެހޭ އެންމެ އަސާސީ ޙައްޤުތަކާއި ޚިދުމަތްތައްވެސް ވަނީ ޢަބްދުﷲ ޔާމީންގެ ސަރުކާރުން އެ ފަރާތްތަކަށް ލިބުނަނުދީ ހިފަހައްޓާފައެވެ. ޣައިރުޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ރަހީނުކޮށްފައި ތިބި 36 ބޭފުޅުންގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ މަސައްކަތްތެރީންގެ އިތުރުން، ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސަރުކާރުގެ ވުޒާރާތަކުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން، ފުލުހުންގެ އޮފިސަރުންވެސް ހިމެނެއެވެ. މިފަރާތްތައް މިހާރުން މިހާރަށް މިނިވަންކުރައްވައި، ޤާނޫނުގެ ތެރެއަށް ވެދެވަޑައިގަތުމަށް ރައީސް ޔާމީނަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ