ފުލުހުން ރަހީނުކޮށްފައިވާ ފަރާތްތަކަށް ބޭސްފަރުވާކޮށްދިނުމަށް ގޮވާލުން!

ފާއިތުވި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު މިޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި، ޤައުމީ މަޖިލީހުގެ އިތުރު 5 މެންބަރުން ވަނީ ޤާނޫނާ ޚިލާފަށް ފުލުހުން ހައްޔަރުކޮށް ދޫނިދޫ ރިމާންޑް ސެންޓަރުގައި ރަހީނުކޮށްފައެވެ. ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ އަދި ބަންދުކުރެވޭ މީހުންނަށް ލިބެންޖެހޭނެ ކަމަށް ޤާނޫނުއަސާސިގައި ބަޔާންކޮށްފައިވާ އެތައް ބައިވަރު ޙައްޤުތައް އެފަރާތްތަކަށްވަނީ ނުދީ ހިފަހައްޓާފައެވެ.
މިޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ފަރުވާ ހޯދަންޖެހިފައިވާ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދިނުމަށް އެކިފަހަރުމަތީން ވަނީ ފުލުހުންގެ މުއައްސަސާގައި އެދިފައެވެ. އަދި އެހެންނަމަވެސް، މިއަދާ ހަމައަށްވެސް އެފަރާތްތަކަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދީފައި ނުވާކަން ފާހަގަކުރަމެވެ. އެގޮތުން މިޕާޓީގެ ޤައުމީ މަޖިލީހުގެ އައްޑޫސިޓީގެ ރައީސް އަޙްމަދު އަދުހަމްގެ ދަތަކަށް ފަރުވާ ހޯދުމަށް އެތައް ފަހަރަކު އެދެމުން ދިޔަ ނަމަވެސް މިއަދާ ހަމައަށްވެސް އޭނާ ޑެންޓިސްޓަކަށް ދައްކާފައި ނުވާކަން ފާހަގަކުރަމެވެ. އަދި މީގެ އިތުރުން، ޤައުމީ މަޖިލީހުގެ މެންބަރު އަދި ކަނޑިތީމު ދާއިރާގެ ރައީސް ޢަބްދުﷲ ޝަހީމްގެ ކަކުލަށް ލިބިފައިވާ އަނިޔާއަށް ބޭސްފަރުވާ ކުރުމަށް އެކަށީގެންވާ ޑޮކްޓަރަކަށް ދެއްކުމަށް އެކިފަހަރުމަތިން އެދިފައިވީ ނަމަވެސް، މިއަދާ ހަމައަށް އޭނާއަށްވެސް ފަރުވާ ދެވޭނޭވަރުގެ ޑޮކްޓަރަކަށް ދައްކާފައި ނުވާކަން ފާހަގަ ކުރަމެވެ. އަދި މީގެ އިތުރުންވެސް ފަރުވާ ހޯދުމަށް އެދިފައިވާ އެހެން ފަރާތްތަކަށްވެސް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަށާއި، މިކަންކަން މިހާރުންމިހާރަށް ކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރިވިސަސް އަށް ގޮވާލަމެވެ. އަދި، މިފަދަ ދަށުދަރަޖައިގެ އަދި ލާއިންސާނީ ޢަމަލުތައް ހިންގަމުންދާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިކަންކަން ބަލައި، އެކޮމިޝަނުގެ ބަހެއް މިއަދާ ހަމައަށް އައިއިރުވެސް އާންމުކޮށްފައި ނުވާކަމީ މިޕާޓީ ކަންބޮޑުވާ ކަމެކެވެ.
ފުލުހުންގެ ބެލުމުގައި ދަށުގައި ތިބޭ މީހުނަށް ޤާނޫނީ ގޮތުން ލިބިފައިވާ ޙައްޤުތައް ހިފެހެއްޓުމަށާއި، އެމީހުންނާމެދު ލާއިންސާނީ ގޮތްގޮތުން ޢަމަލުކުރުމަށް ކުރަމުން ގެންދާ ޣައިރުޤާނޫނީ ޢަމުރުތަކަށް ކިޔަމަން ނުވުމަށް ވަކިވަކި ފުލުހުންނަށް މިޕާޓީން އިލްތިމާސްކޮށް ނަޞޭޙަތްތެރިވަމެވެ.

ބަޔާން ނެރުނީ : އެމް.ޑީ.ޕީ ސެކްރެޓޭރިއަޓް
1 މާރިޗް 2018