ރޭގަނޑު 10:30 ގެ ފަހުން އެއްވެ އުޅުން މަނާކުރުން ކުށްވެރިކުރުން

1 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ނެރުއްވާފައިވާ އަމުރު ތަންފީޛުކުރުމަށް ގޮވާލާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ސިލްސިލާ އެއްވުންތައް ކުރިއަށްދާ ދަނޑިވަޅެއްގައި ސިޔާސީ ޙަރަކާތްތައް ސިޔާސީ ޕާޓިތަކުގެ ޖަގަހަތަކުގައާއި މަގުތަކުގައި ރޭގަނޑު 10:30 ގެ ފަހުން ހިންގުން ކުއްލި ގޮތަކަށް މަނާކުރިކުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުށްވެރިކުރަމެވެ.

ޤާނޫނުއަސާސީގެ 246 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންޞާފުވެރިކަމާއި ހަމަހަމަކަމާއެކު ސަލާމަތީ ޚިދުމަތްތަކުން ފިޔަވަޅު އަޅަންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ވޭތުވެދިޔަ މަދު ދުވަސްތަކުގައިވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތަކަށް ހުރަސްއަޅާއިރު، ސަރުކާރު ނިސްބަތްވާ ފަރަތްތަކުން ސަލާމަތީ ޚިދުމަތްތަކުގެ ފުރިހަމަ އެއްބާރުލުމާއި ރައްކާތެރިކަމުގެ ދަށުން ސިޔާސީ ޙަރަކާތްތައް ހިންގުމަށް ފުރުޞަތު ދިނުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުށްވެރިކުރަމެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤާރާރުގެ ދަށުން ޤާނޫނުއަސާސީގެ 31 އަދި 32 ވަނަ މާއްދާތަކަކީ ޢަމަލުކުރުން ހިފެހެއްޓިފައިވާ ދެ ޙައްޤުކަމަށް ކަނޑައަޅާފައިވީނަމަވެސް މިއަދު ކުއްލި ގޮތަކަށް، ހަމައެކަނި ރޭގަނޑު 10:30 ގެ ފަހުން ސިޔާސީ ޙަރަކާތް ހިންގުން މަނާކުރުން އިޢުލާނުކުރުމުން ހާމަވަނީ ރައީސް ޔާމީން އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޞައްޙަކަމާމެދު ފުލުހުންވެސް ސުވާލު އުފައްދާކަމެވެ. އަދި މިފަދަ ޤާނޫނާއި ޚިލާފު އެންގުންތަކަކީ ޤާނޫނުއަސާސީގެ 64 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަންނުޖެހޭ އެންގުމެއްކަމަށްވާތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތައް ކުރިއަށް ދާނެކަމަށާއި އަދި އެ ޙަރަކާތްތައް ހުއްޓުވުމަށް ސަލާމަތީ ޚިދުމަތްތަކަށް އަންގާ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވެ އެ ޙަރަކާތްތަކަށް ފުރުޞަތު ދިނުމަށްވެސް ސަލާމަތީ ޚިދުމަތްތަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް